ޚަބަރު

ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކުރުމަށް އިންޓަވިއުކޮށްފި


ސިވިލްކޯޓާއި ކްރިމިނަލް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރައްވާނެ ބޭފުޅުން ދެން އޮންނަ ޖަލްސާއެއްގައި ކަނޑައަޅުއްވާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯއްދަވަން ހުޅުއްވާލެއްވި ފުރުޞަތުގައި އެ ހަތަރު މަޤާމަށް 27 ބޭފުޅުން ކުރިމަތިލައްވާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. އަދި އޭގެތެރެއިން 26 ބޭފުޅުން ޝަރުޠު ހަމަވާކަމަށާއި މި ބޭފުޅުންގެ ތެރެއިން އިންޓަރވިއުއަށް ވަޑައިގެންނެވި 23 ބޭފުޅަކާ އިންޓަރވިއުކުރައްވައި ނިންމަވާފައިވާ ކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ދަށުކޯޓްތަކުގެ ތެރެއިން ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯއްދެވުމަށް އިޢުލާންކުރެއްވީ އެ ކޯޓްގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޢަބްދުﷲ ދީދީއާއި ސުޖާޢު އުޘްމާން ހައިކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެނެވެ. ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯއްދަވަން އިޢުލާންކުރައްވާފައިވަނިކޮށް އެކޯޓްގެ އިސް ޤާޒީއަކަށް ހުންނެވި ޢަބްދުﷲ މުޙައްމަދު ވަނީ ފެމެލީކޯޓަށް ބަދަލުކުރައްވާފައެވެ. އަދި އަމިއްލަފުޅަށް އެދިވަޑައިގެން ކްރިމިނަލް ކޯޓްގެ ދެ ޤާޒީންކަމަށްވާ އަޙުމަދު ސަމީރު ޢަބްދުލް ޢަޒީޒާއި ޢަބްދުﷲ ނަޝީދުވެސް ވަނީ ފެމެލީ ކޯޓަށް ބަދަލުވެވަޑައިގެންފައެވެ.

ދަށުކޯޓަށް ފަނޑިޔާރުން ޢައްޔަންކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުއްވާލެއްވި ފުރުޞަތުގައި ތިން ބޭފުޅަކު އެ މަޤާމަށް ކުރިމަތިލައްވާފައިވެއެވެ.