ވިޔަފާރި

ކުންފުންޏާބެހޭ ޤާނޫނު އިސްލާހުވުމުން އިޤްތިޞާދަށް ބަދަލު އަންނާނެ


ކުންފުންޏާބެހޭ ޤާނޫނަށް ހުށައެޅުއްވުމަށް މަސައްކަތް ކުރައްވާ އިޞްލާޙު ފާސްވެއްޖެނަމަ އެޤާނޫނަކީ ޢިޤްތިޞާދީ ބަދަލަށް މަގުފަހިވާފަދަ ޒަމާނީ ޤާނޫނަކަށް ވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ކުންފުންޏާބެހޭ ޤާނޫނަށް ހުށައަޅުއްވާ އިޞްލާޙުތަކާ  ގުޅޭގޮތުން ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާއި އިޤްތިޞާދީ ތަޖުރިބާކާރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް އިކޮނޮމިކް މިނިސްޓްރީން ބޭއްވެވި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ކުންފުންޏާބެހޭ ޤާނޫނަކީ ޒަމާނަށް ނުފެތޭވަރަށް ދުވަސްވީ ޤާނޫނެއް ކަމަށެވެ. އެހެންކަމުން މި ޤާނޫނަށް ހުށައަޅުއްވާ އިޞްލާޙަށް ތަޖުރިބާކާރުންގެ ފަރާތުން ލިބޭ ޚިޔާލާއެކު ވީއެންމެ އަވަހަކަށް މަޖިލީހަށް ހުށައެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޢިޤްތިޞާދީ ބަދަލު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މުޅި ސަރުކާރު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އިޞްލާޙާ ގުޅޭގޮތުން ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް މަރިޔަމް ވިޝާމް ވިދާޅުވީ މި އިޞްލާޙު ގެންނެވުމަށް މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް ދޮޅުއަހަރު ވެއްޖެ ކަމަށެވެ. އަދި މި އިޞްލާޙާއެކު ބޭރުގެ އިންވެސްޓަރުން ރާއްޖެމެދު އިތުބާރު އިތުރުވެ، އެ ފަރާތްތަކަށް ފަހި މާޙައުލެއް ލިބިގެން ދާނެކަމަށް ވިޝާމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޤާނޫނީ ވަކީލުންގެ އިތުރުން އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރުންގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯއްދަވާފައެވެ.