ޚަބަރު

އަމީނީމަގު ތަރައްޤީކުރުން ބާރު ދުވެލީގައި، 20 ދުވަހުން %60 މަސައްކަތް ނިންމާލައިފި


  • އަމީނީ މަގުގެ މަސައްކަތް ދަނީ ރޭވިފައިވާ ޝެޑިއުލާ އެއްގޮތަށް

  • އަމާޒަކީ 45/50 ދުވަހުގެ ތެރޭގަ މަގުގެ މަސައްކަތް ނިންމާލުން

ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ އަމީނީމަގުގެ އެންމެ ފަހު 2 ސެގްމެންޓުގެ މަސައްކަތް ފެށިތާ 20 ދުވަހުގެ ތެރޭގައި، މަގު ހެދުމުގެ މަސައްކަތުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މަސައްކަތް ނިންމާލެވިފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނެފިއެވެ.

އަމީނީމަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް އާރުޑީސީން ފެށީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާ ޖެނެރަލް ރިޓެޔަރޑް ޢަލީ ޒުހައިރު ވިދާޅުވީ، ހުއްޓިފައިވާ އަމީނީ މަގުގެ ފަހު ދެސެގްމެންޓްގެ މަސައްކަތް އާރްޑީސީން ކުރަމުންދަނީ ރޭވިފައިވާ ޝެޑިއުލާ އެއްގޮތަށް ކަމަށެވެ. އަދި އަމާޒަކީ 45 ނުވަތަ 50 ދުވަހުގެ ތެރޭގައިމަސައްކަތް ނިންމާލުން ކަމަށާއި، މިއަމާޒަށް ވާސިލް ވެވޭނޭ ކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ. މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މަގު ހެދުމުގެ ފަސްދޮޅަށް އިންސައްތަ މަސައްކަތް މިހާރުވެސް ނިމިފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 24 ގަޑިއިރު މަސައްކަތްކޮށްގެން، ވީއެންމެ އަވަހަކަށް މަސައްކަތް ނިންމާލުން. 45/50 ދުވަހުގެ ތެރޭގަ މަގުން އެއްޗެހި ދުއްވޭ ވަރަށް މަގުގެ މަސައްކަތް ކުރިއަށް ގެންދިއުން. އެޓާގެޓަށް ރީޗްވެވޭނެ ކަމާއިމެދު އެއްވެސް ޝައްކެން ނުކުރަން. މިހާރު ދަންނަވާ ކަމުގަ ވެއްޖީޔާ މިވީ 20 ވަރަކަށް ދުވަހުގެ ތެރޭގަ 60 ޕަސެންޓް އެޗީވް ކުރެވިއްޖެ." ޒުހައިރު ވިދާޅުވިއެވެ.

ޒަމާނީ ފެންވަރައް އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން މިހާރު އެމަގުގައި ދަނީ ކާރބް ސްޓޯން ޖެހުމާއި ޑީވޯޓަރިންގ ހޮޅިއެޅުމުގެ އިތުރުން ސްޓޯރމް ވޯޓަރ ހޮޅިއެޅުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އެޗްވީ ޖަންކްޝަން ބެހެއްޓުމާއި، ހޮޅިއެޅުމާއި ނަރުދަމާގެ އައުޓް ފޯލްގެ މަސައްކަތް ކުރިއަށްދާއިރު، މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

އާރުޑީސީން މިހާރު ވަނީ އަމީނީމަގާއި އިއްޒުއްދީންމަގު ގުޅޭ ކަންމަތީގައި ކޮނެގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާ އާންމުންނަށް އެސަރަހައްދު ހުޅުވާލާފައެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމަންޓުގެ ސްކޯޕަށްވަނީ ބަދަލުތަކެއްވެސް ގެނެސްފައެވެ. މި ދެ ސެގުމެންޓުގައި ހިމެނޭ ސަރަހައްދު ތަރައްޤީކުރަނީ ކުރިން ނިމިފައިވާ 11 ސެގްމަންޓަށްވުރެ ފުޅާކޮށް 4 ލޭން ހިމެނޭހެން ކަމަށް އާރްޑީސީންވަނީ ހާމަކޮށްފައެވެ.

މިމަގުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު މެދުކަނޑާލިއިރު މަސައްކަތް ނިމިފައި އޮތީ، އިއްޒުއްދީންމަގާއި ހަމައަށެވެ. އާރްޑީސީން އެ މަސައްކަތް ހުއްޓާލާފައި އޮތީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި، ޕްލޭނިން މިނިސްޓްރީން އެގޮތަށް އެންގުމުންނެވެ. އޭރުވެސް މަގުގެ މަސައްކަތް ކުރިއަށްދިޔައީ ކަނޑައަޅާފައިވާ ތާރީޚަށްވުރެ ލަސްކޮށެވެ.

ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ.