ރާއްޖެއާއި ކައިރި ހިސާބަކަށް ކުދި ބިން ހެލުން ތަކެއް އައިސްފައިވީ ނަމަވެސް، މިކަމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މޫސުމާއި ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓު މީޓިއޮރޮލޮޖިސްޓު ހުސެއިން ވަހީދު ވިދާޅުވީ، ރޭ މެންދަމުން ފެށިގެން ހެނދުނާއި ދޭތެރޭ، ކާލްސްބާގް, މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވާ ކަމަށެވެ.
މީގެތެރެއިން އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގެ ބިން ހެލުމެއް ކަމަށެވެ. މި ބިންހެލުންތައް އައިސްފައިވަނީ އައްޑޫ ސިޓީ އާއި 900 އެއްހާ ކިލޯމިޓަރުދުރުން ކަމަށާއި، މި ބިން ހެލުންތަކާއި ގުޅިގެން ސުނާމީގެ އަސަރު ނުކުރާނެ ކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.
" ކުދި ބިންހެލުން ތަކެއް، 4 ބިން ހެލުމެއް އެބައުޅޭ، އޭގެތެރޭގައި ރޭ ދަންވަރު 3 ޖަހާކަންހާއިރު، ފުރަތަމަ ބިން ހެލުން އައިސްފައިމިވަނީ، އެ ސަރަހައްދަށް، އާއްމުކޮށް ބިން ހެލުން އަންނަ ސަރަހައްދެއް މިއީ، އެއާ ގުޅިގެން އެއްވެސް ކަހަލަ ނުރައްކަލެއް، އަދި އަސަރެއް ރާއްޖެއަށް ކުރާނެ ކަމަކަށް ނުބެލެވޭ،" ހުސެއިން ވަހީދު ވިދާޅުވިއެވެ.
ރޭ މެންދަމުން ފެށިގެން ހެދުނާއި ދޭތެރޭ، ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވޭ. އެންމެ ބާރުގަދައީ 5.5. މި ބިންހެލުން ތަކާއި 900 އެއްހާ ކިލޯމިޓަދުރުން އައްޑޫ ސީޓީ އަށް ބިންހެލުން/ސުނާމީގެ އަސަރު ނުކުރޭ pic.twitter.com/M1jGZfNXMr
— Maldives Meteorology (@MetMaldives) December 29, 2023
ހުސެއިން ވަހީދު ވިދާޅުވީ ގިނަ ބަޔަކު މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް މެޓު އޮފީހަށް ގުޅަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިބިންހެލުންތަކުން ރާއްޖެއަށް އަސަރެއް ނުކުރާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.