ތަޢުލީމު

އިސްލާމިކް ޔުނިވަރސިޓީން ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތައް ފަށަނީ


އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމުން ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކެއް ފެއްޓެވުމަށް ހަމަޖައްސަވައިފިއެވެ.

އެ ޔުނިވަރސިޓީން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި މި ކޯސްތައް ފަށްޓަވާނެއެވެ. 

އެ ޔުނިވަރސިޓިން އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތައް ހިންގާ އެހެނިހެން ޔުނިވަރސިޓީތަކާ ޚިލާފަށް އިސްލާމިކް ޔުނިވަރސިޓީގެ މި ކޯހުން ދަސްވެނިވެގެން ނުކުންނާނީ ނޫސްވެރިކަމުގެ އެތިކްސްއާއި އިސްލާމީ ރިވެތި އަޙްލާޤު ހުރި ނޫސްވެރިންކަމަށެވެ. އަދި މި ކޯސްތަކުގައި ބައިވެރިވުމަށް ނޫސްވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވުމަށް ވިސްނާވަޑައިގަންނަވަމުން ގެންދަވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގެ އިތުރުން އިސްލާމިކް ފައިނޭންސިންގގެ ދާއިރާގެ ކޯސްތައްވެސް އަންނަ ޖެނުއަރީމަހު ފެއްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ ފުޅާވަމުން އަންނައިރު މިފަދަ ކޯސްތަކަކަށްވެސް ގިނަބަޔަކު އިންތިޒާރުކުރާނެކަން ޝަހީމް ފާހަގަކުރެއްވިއެވެ.