ޚަބަރު

ދިރާސާ މަރުކަޒުގެ ވިލަރެސްވެރިން ކުރައްވާނީ ޢަމަލީ ބުރަ މަސައްކަތްތަކެއް: ވަޒީރު


  • ދިވެހިންގެ މަސައްކަތްތައް ޢަމަލީ ގޮތުން ވިލަރެސްވެރިން ތަޖުރިބާ ކުރަންޖެހޭނެ

  • ކުރާ ދިރާސާތައް ލިޔެ، ކިޔަވައިދިނުމަކީ ވިލަރެސްވެރިންގެ ޒިންމާއެއް

  • ވިލަރެސްވެރިކަމުގެ މަޤާމަށް ހުޅުވާލި ފުރުޞަތު ހަމަވާނީ މިމަހުގެ 20ށް

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރާ 10 ވިލަރެސްވެރިން ކުރައްވާނީ ޢަމަލީ ބުރަ މަސައްކަތްތަކެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އާދަމް ނަޞީރު ވިދާޅުވީ ވިލަރެސްވެރިންގެ މަޤާމަށް ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިލަމުން އަންނަ ކަމަށާއި، އެހެންނަމަވެސް މަޤާމަށް ކުރިމަތިލުމުގެ ކުރިން، ވަޒީފާގައި ކުރަންޖެހޭ ކަންކަން އެނގުން ވަރަށް މުހިންމު ކަމަށެވެ. ވަޒީރު ވިދާޅުވީ ވިލަރެސްވެރިން ކުރައްވަން ޖެހޭނީ ޤަލަމީ މަސައްކަތްތަކަކަށްވުރެ ބޮޑަށް ޢަމަލީ މަސައްކަތްތަކެއް ކަމަށެވެ.

އާދަމް ނަޞީރު ވިދާޅުވީ ދިވެހިންގެ މަސައްކަތްތެރިކަމާއި، ކަންކަން ކުރުމުގައި ހުރި ހުނަރުވެރިކަން ޢަމަލީ ގޮތުން ތަޖުރިބާކޮށް ދެނެގަނެ، އެކަމަށް ވިލަރެސްވެރިން އަހުލުވެރިވާންޖެހޭނެ ކަމަށެވެ. އެގޮތުން، ދިވެހިން ވަޑާންކުރާ ގޮތް ދެނެގަތުމަށް، އޮޑިހަރުގެއަކަށް ޒިޔާރަތްކޮށް، އެކަން ކުރާ ގޮތް ޢަމަލީ ގޮތުން ތަޖުރިބާކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ހުޅުވާލާފައިވާ 10 ވިލަރެސްވެރިންގެ އިތުރަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް އިތުރު 50 ދިރާސާވެރިން ނަންގަވާނެ ކަމަށެވެ. ވިލަރެސްވެރިންނާއި، ދިރާސާވެރިން، ކުރާ ދިރާސާތައް ލިޔެ، ކިޔަވައިދޭން ޖެހޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ބުރަ، ގިނަ މަސައްކަތްތަކެއް، ވަރަށް ގިނަ ވަގުތު ކުރަން ޖެހޭނެ. ޢާންމު ސަރުކާރު އޮފީހެއްގައި މަސައްކަތްކުރާ ގޮތަކަށް ނޫން މިކުދިން މަސައްކަތްކުރާނީ." ވަޒީރު ވިދާޅުވިއެވެ.

ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރުމަށް ވިލަރެސްވެރިންގެ ގޮތުގައި ކުރިމަތިލުމަށް، ދިވެހިބަހާ ބެހޭ ވުޒާރާއިން ހުޅުވާލީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި މި ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހުގެ 13:00އަށް ހަމަވާނެއެވެ.

ވިލަރެސްވެރިންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޢާންމު ޝަރުތެއްގެ ގޮތުގައި 35 އަހަރުން ދަށުގެ ފަރާތަކަށްވުމާއި، ދިވެހިބަހާއި އިނގިރޭސިބަހުން ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ ފަރާތަކަށްވުން ހިމެނެއެވެ. އަދި ކޮންމެވެސް ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއި، ކިޔަވައިދިނުމުގެ ތަޖުރިބާ ހުރުމަކީ ވެސް ވިލަރެސްވެރިއަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ވިލަރެސްވެރިންގެ ތަޢުލީމީ ރޮނގުތަކުގެ ތެރޭގައި ޕޮލިޓިކަލް ސައިންސާއި ކައުންސެލިންގ އެންޑް ސައިކޮލޮޖީއާއި ބަހާއި އަދަބިއްޔާތާއި ސޯޝިއޮލޮޖީ ހިމެނެއެވެ.

ދިވެހިބަހާ ބެހޭ ވުޒާރާއިން ވިދާޅުވީ ވިލަރެސްވެރިން ނެގުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ކޮންޓްރެކްޓު އުސޫލުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ އަސާސީ މުސާރައަކީ 25،000 ރުފިޔާ ކަމަށާއި، ރިސަރޗް އެލަވަންސެއްގެ ގޮތުގައި 5،000 ރުފިޔާ ދޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، "ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު"ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވިދާޅުވެއެވެ.