ޚަބަރު

56 ފަޅުވެރިން ތަމްރީނުކޮށް ރެސްކިއު ޑައިވަރ ޕްރޮގުރާމުގެ ފުރަތަމަ ބުރު ނިންމާލައިފި


  • ދެކުނުގެ 56 ދޯންޏަކުން މީހުން ތަމްރީންވެފައިވޭ

  • މިޕްރޮގްރާމްގެ ދެވަނަ ބުރު ފަށާނީ އަންނަ އަހަރު

ދޮށީގެ މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ތަމްރީން ފުރިހަމަކޮށްފައިހުރި ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ގޮތުން ހިންގާ ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 56 ރެސްކިއު ޑައިވަރުން ތަމްރީނުކޮށް ނިންމާލައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ތަމްރީނުކޮށް ނިމިފައިވާ ކަމަށެވެ.

ރެސްކިއު ޑައިވަރ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ރަށާއި ފަޅުވެރިންގެ އަދަދު

* ގދ. މަޑަވެލި - 8 ފަޅުވެރިން
* ގއ. ކޮލަމާފުށި - 5 ފަޅުވެރިން
* ގއ. ވިލިނގިލި - 14 ފަޅުވެރިން
* ގއ. ދެއްވަދޫ - 7 ފަޅުވެރިން
* ގއ. ނިލަންދޫ - 4 ފަޅުވެރިން
* ގއ. ދާންދޫ - 7 ފަޅުވެރިން
* ސ. މަރަދޫ - ތަމްރީނުކުރި 11 ފަޅުވެރިން

ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން މި މަހުގެ ނިޔަލަށް 56 ޑައިވަރުން ތަމްރީނުކުރާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 50 ފަޅުވެރިން ތަމްރީނުކުރަންވަނީ ނިންމާފައެވެ. އެހެންނަމަވެސް، ޕްރޮގުރާމަށް ލިބުނު ތަރުހީބާއެކު އިތުރު 6 ފަޅުވެރިން ތަމްރީނުވެގެންދިޔައީ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ދޮށީގެ މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރ ފެންވަރުގެ ފަޅުވެރިއަކު ބެހެއްޓުމަށް ހިންގާ ޕްރޮގުރާމުގެ ފުރަތަމަ ބައި މިހާރު ނިމިފައިވާ ކަމަށެވެ. މިޕްރޮގުރާމުގެ ދެވަނަ ބުރު ފަށާނީ އަންނަ އަހަރު ކަމަށާއި، ދެވަނަ ބުރު އަމާޒުކުރާނީ މުޅި ރާއްޖެއަށް ކަމަށް އެވުޒަރާއިން ވިދާޅުވެއެވެ.

ރެސްކިއު ޑައިވަރ ތަމްރީން ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ގދ. މަޑަވެލީގައެވެ.

ދޮށީގެ މަސްވެރިކަން ކުރާ ކޮންމެ މަސް ދޯންޏެއްގައި ތަމްރީން ލިބިފައި ހުރި ރެސްކިއު ޑައިވަރަކު ބެހެއްޓުމަށް ސަރުކާރުން ނިންމި މައިގަނޑު އެއްސަބަކީ މަސްވެރިން އެންހިފުމަށް ވައި ފުޅިއަޅައިގެން ފީނާއިރު ދިމާވާ އެކިކަހަލަ ކަންކަމާހުރެ ފުރާނައަށް ނުރައްކާވާ ހާލަތެއް އަތުވެއްޖެނަމަ އެހާލަތުގައި އަމަލު ކުރާނެ ގޮތް ނުވަތަ ކުއްލި ފަރުވާ ދެވޭނެ ގޮތް އެނގޭނެ މީހަކު ދޯނިގައި ބެހެއްޓުމުގެ ބޭނުމުގައެވެ.

މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު، 'ރެސްކިއު ޑައިވަރ' ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ޚާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 މަގު ޗާޓުގައިވެސް ހިމަނާފައިވާ ކަމަށެވެ.