ޚަބަރު

ނޮޅިވަރަންފަރު ކައުންސިލުން އެދުނު ހުރިހާކަމެއް ކޮށްދިނުމަށް މަސައްކަތްކުރާނަން: ރައީސް


  • ކައުންސިލުން އެދުނު ކަންކަން ކޮށްދެއްވާނެ ގޮތްތައް ރައީސް ހިއްސާކުރެއްވި

  • މަގާއި، ސްކޫލް ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ކައުންސިލުން އެދުނު

ނޮޅިވަރަންފަރު ކައުންސިލުން އެދުނު ހުރިހާކަމެއް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަންފަރު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން އެދުނު ކަންކަމުގެ ތެރޭގައި މަގު ހެދުމާއި، ސްކޫލުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފައްޓަވާދެއްވުން ހިމެނެއެވެ. އަދި ޕޮލިސް ސްޓޭޝަން ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވުމަށާއި، ދަތުރުފަތުރުގެ ޚިދުމަތް މިހާރަށްވުރެ ލުއިފަސޭހަކޮށް ފޯރުކޮށްދެއްވުމަށް އެދޭކަމަށާއި، ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވައި، ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު މިހާރު ބަޖެޓުގައި ހިމެނިފައިހުރި ކަންކަން ކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާ ވަޢުދު ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ބަހައްޓަވާ ގާތްކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަންފަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ވަނީ ބަޖެޓު އިތުރުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޮޅިވަރަންފަރު ކައުންސިލުން އެދުނު ހުރިހާކަމެއް ކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެކަންކަން ހާސިލުކުރުމަށް މަސައްކަތްކުރައްވާނެ ގޮތްތައް ރައީސް ވަނީ ކައުންސިލާ ހިއްސާކުރައްފައެވެ.