ޚަބަރު

ފިނޭއަށް ބޭނުންވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާނަން: ރައީސް


  • ފިނޭ ބަނދަރުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށްޓަވައިދެއްވުމަށް ކައުންސިލުން އެދުނު

  • މޫދު ކަސްރަތުކުރެވޭނެ ސަރަހައްދެއް ހައްދަވައިދެއްވުމަށް އަންހެނުންގެ ކޮމިޓީން އެދުނު

ހދ. ފިނޭ ކައުންސިލުން އެދުނު ކަންކަން ކޮށްދެވޭނެ ގޮތްތައް ބަލާ، އެ ކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބޮޑުތިލަދުންމައްޗަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފިނޭ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުން އޮތީ ހަނިމާދޫގައެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭ ކައުންސިލުން ވަނީ ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ފިނޭ ބަނދަރުގެ މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވައިދެއްވުމަށާއި، ޒަމާނީ މިސްކިތެއް ބޭނުންވާކަމަށާއި، ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ ރަށުގައި ހަރުދަނާކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފިނޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މޫދަށް އެރި ކަސްރަތު ކުރެވޭނެ ސަރަހައްދެއް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން އެދުނު ހުރިހާކަމެއް ވެސް ކޮށްދެއްވާނެ ކަމަށާއި، އެކަންކަން ކޮށްދެއްވެންހުރި ގޮތްތައް ބައްލަވާނެ ކަމަށެވެ.