ޚަބަރު

ފަލަސްޠީނަށް ދެމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓާލުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފި


  • ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލި

  • ފަލަސްޠީނު ރައްޔިތުންގެ އިންސާނީ ޙައްޤުތައް މިހިނދުން ފެށިގެން ކަށަވަރުވާންޖެހޭ

ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓާލުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގެ 55 ވަނަ ބައްދަލުވުމުގައި ރާއްޖެއިން އިއްވި ބަޔާނުގައެވެ. މިބަޔާން އިއްވެވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުލްސަމަދެވެ.

މި ކައުންސިލުގައި ރާއްޖޭގެ ފަރާތުން ބަޔާން ހުށައަޅުއްވަމުން ޝެރީނާ ޢަބްދުލްސަމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް އަޅުއްވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ޖިންސީ ތަފާތުކުރުން ނައްތާލުމަށާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި މާޙައުލެއް ފަހިކޮށްދިނުމަށް މިއަދުގެ ސަރުކާރުން ކުރައްވާ މަސައްކަތްތައް ޝެރީނާ ފާހަގަކުރެއްވިއެވެ.

މި ބަޔާންގައި ވަނީ ފަލަސްޠީނުގެ މުސްލިމް އަޚުންނަށް އިސްރާޢީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 1967 ވަނަ އަހަރު އޮތްގޮތަށް ފަލަސްޠީނުގެ ވެރިކަންކުރާ ރަށަކަށް ޤުދުސްވާ ގޮތަށް އެ ޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅި، މިހާރު ހިނގަމުންދާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ބީވެފައިވާ އިންސާނީ ޙައްޤުތައް ވަގުތުން ވަގުތަށް ކަށަވަރުވާންޖެހޭކަމަށް ޝެރީނާ ވިދާޅުވިއެވެ.

އ.ދ.ގެ 55 ވަނަ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގައި ބައިވެރިވެވަޑައިގަތުމަށް ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުލްސަމަދު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި އެކަމަނާ ވަނީ އެކި ޤައުމުތަކުގެ މަތީ ފަންތީގެ ބޭބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން މެލޭޝިއާގެ ޚާރިޖީ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރާއި، އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ މިއަހަރުގެ ރައީސާއި، ޖޯޖިއާގެ ޚާރިޖީ ވުޒާރާގެ ފަސްޓް ޑެޕިއުޓީ މިނިސްޓަރގެ އިތުރުން ފަލަސްޠީނުގެ ޚާރިޖީ ވަޒީރާވަނީ ބައްދަލުކުރައްވާފައެވެ.