ޚަބަރު

300އަށް ވުރެ ގިނަ ފުޅި ބަނގުރާ ނައްތާލައިފި


  • މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިދިޔަ މަހާ ހަމައަށް ހޯދާފައިވާ ބަނގުރާ

  • މި ތަކެތި ހޯދާފައިވަނީ ދާލު އެއަރޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން

300އަށް ވުރެ ގިނަ ފުޅި ބަނގުރާ ދިވެހި ފުލުހުންގެ ޚިދުމަތުން ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 362 ފުޅި ބަނގުރަލާއި 514 ދަޅު ބިޔަރު ކަމަށެވެ.

މިއީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރަލެވެ. ފުލުހުން ވިދާޅުވީ މި ބަނގުރަލަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓާ ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ފުލުހުން ވިދާޅުވީ ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ދައުލަތާއި ދިވެހި ފުލުހުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ 24 ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި، ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ފުލުހުންދަނީ މަސައްކަތްކުރައްވަމުންނެވެ.