ޚަބަރު

އަލުން އަނބުރާ ޞިއްޙީ ޚިދުމަތާ ގުޅުމަށް 16 މީހަކު ހުށައަޅާފައިވޭ: ވަޒީރު


  • އަލުން އަނބުރާ ޞިއްޙީ ޚިދުމަތާ ގުޅުމުގު އުޞޫލު ޢާންމުކުރީ ޖެނުއަރީ 17ގައި

  • އުޞޫލު ޢާންމުކުރި ފަހުން އެކަކަށް ވަޒީފާދެވި ވަޒީފާ ދާއިމީވެފައިވޭ

  • އަލުން އަނބުރާ ޞިއްޙީ ޚިދުމަތާ ވީހާވެސް ގިނަ މީހަކު ގުޅުމަށް ޞީއްޙީ ވުޒާރާއިން އެދޭ

އެކި ސަބަބުތަކާ ހުރެ ޞިއްޙީ ދާއިރާގެ ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި ޞިއްޚީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ އުޞޫލު ޢާންމުކުރެއްވި ފަހުން އަލުން އަނބުރާ ޚިދުމަތަށް ނުކުތުމަށް 16 ފަރާތަކުން ހުށައަޅާފައިވާ ކަމަށް ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެކި ސަބަބުތަކާ ހުރެ ޞިއްޙީ ދާއިރާގެ ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި ސިއްޚީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ އުޞޫލު ޢާންމުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ހަފްތާ-14ގެ މަގުޗާޓުގައި ޞިއްޙީ ވުޒާރާއަށް މަތިކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޚަލީލް ވިދާޅުވީ ޞިއްޙީ ޚިދުމަތާ ދުރުގައިތިބި ފަރާތްތަކަށް އަލުން އަނބުރާ ޚިދުމަތާ ގުޅުމުގެ މަގު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ-14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާކަމެއް ކަމަށެވެ. އަދި މިކަން ފަހިކޮށްދެއްވުމަށް އުޞޫލު ޢާންމުކުރި ފަހުން 1 މީހަކަށް ވަޒީފާ ލިބި، ވަޒީފާގައި ދާއިމީވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެއް ބޭފުޅަކު ވަނީ ވަޒީފާއަށް ނުކުމެފައި. އެބޭފުޅާ މިހާރު ވަނީ ދާއިމީ މަޤާމަކަށް ހަމަޖެހިފައި. ޖުމްލަ 16 ބޭފުޅުން ކުރިމަތިލައްވާފައި އެބައޮތް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގިނަ ބަޔަކު ޞިއްޙީ ޚިދުމަތަށް އަނބުރާ ނިކުތުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ މީހަކަށް ފަސޭހަ ގަޑިއެއްގައި ޚިދުމަތަށް ނިކުތުމުގެ މަގު އުޞޫލުގެ ދަށުން ފަހިވާނެކަމަށް ވިދާޅުވިއެވެ. އަދި ޚިދުމަތް އަދާކޮށްދޭން ބޭނުންވާ މުއައްސަސާއަކާ ވާހަކަދައްކައިގެން ފަސޭހަ ގަޑިއެއް ހަމަޖެއްސޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެކިއެކި ސަބަބުތަކަށް ހެދި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދެއްވުމަށް އެކުލަވާލެއްވި ޚާއްޞަ އުސޫލުގެ އެއް ބޭނުމަކީ އެފަރާތްތަކުގެ އެހީތެރިކަމާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެފަރާތްތަކުގެ އެހީތެރިކަން ހޯދުމެވެ.

ޞިއްޙީ ޚިދުމަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައި ނުވާ ފަރާތްތަކަށްވެސް އެ ފަރާތްތަކަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތްތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެ މަގާމަކަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތްވެސް މި އުސޫލުގެ ތެރެއިން ހަމަޖެހިފައިވެއެވެ.