ޚަބަރު

ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ޢަދަދު 7 އަކަށް


  • މީގެ ކުރިން 3 މީހަކު ހައްޔަރުކޮށްފައިވޭ

  • މި އެންމެންވެސް ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައި

  • ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 31ގައި

ޕްރޮސިކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލާގައި މިހާތަނަށް ހައްޔަރުކުރި އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ. އެކި ދުވަސްމަތިން އެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ފުލުހުން ވިދާޅުވިއެވެ.

ޕްރޮސިކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދީފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައެވެ. މި މައްސަލާގައި މީގެ ކުރިން ފުލުހުން ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ.

ޕީޖީ ޝަމީމަށް ދިން ޙަމަލާ ފުލުހުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީގުކުރަމުންނެވެ. މި ޙަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދިން ހަމަލާއެއްގެ ގޮތުގައި ފުލުހުން ސިފަކުރައްވައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން، އެމީހުންނަށް ދޭންވާ ޙައްޤު އަދަބު ދޭނެކަމަށްވެސް ފުލުހުން މީގެކުރިން ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.