ޚަބަރު

ފިސްތޯލައިގެ މައްސަލައިގައި އިތުރު ހެކިހުށައަޅަން ފުރުޞަތު ނުދިން


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް ފިސްތޯލައެއް ގެންގުޅުއްވިކަމަށް ބުނާ މައްސަލާގައި އިތުރު ހެކި ހުށައަޅަން ފުރުޞަތު ނުދެއްވޭނެކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމަވައިފިއެވެ.

އަޙުމަދު އަދީބު ފިސްތޯލަ ގެންގުޅުއްވި މައްސަލާގައި އެނާގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ދަޢުވާއެވެ. މި މައްސަލާގައި އިތުރު ހެއްކެއް ކޯޓުން ބަލައިނުގަންވަން ނިންމެވީ ހެކިން ހުށައެޅުމަށް ދެއްވި ފުރުޞަތުގައި ހުށައަޅާފައި ނުވާ ރިޕޯޓެއް ދައުލަތުގެ ފަރާތުން ހުށައެޅުއްވުމަށް އެދިވަޑައިގަތުމުންނެވެ. މި މައްސަލައިގައި މިއަދު ބޭއްވެވި އަޑުއެހުމަށް ތާވަލްކުރައްވާފައި އޮތީ ދައުލަތުން ހުށައެޅުއްވި ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ. އެހެންނަމަވެސް ކޯޓުގައި އެ އިންތިޒާމްތައް ހަމަޖެހިފައިނުވާތީ މިއަދު ހެކިބަސް ނަންގަވާފައެއް ނުވެއެވެ.

މި މައްސަލައިގައި އަޙުމަދު އަދީބާ ދެކޮޅަށް ދައުލަތުން ޓެރަރިޒަމްގެ ދަޢުވާ އުފުއްލަވާފައިވަނީ އޭނާ ދިރިއުޅުއްވި އެޕާރޓްމެންޓުގައި ފިސްތޯލެއް ގެންގުޅުއްވިކަމަށް ބުނެއެވެ. މި ދަޢުވާއަށް އަޙުމަދު އަދީބު ވަނީ އިންކާރުކުރައްވާފައެވެ. މި މައްސަލައިގައި އަދީބާ ދެކޮޅަށް ދައުލަތުން 3 މީހަކު ހެކިންގެ ގޮތުގައި ހުށައަޅުއްވާފައިވެއެވެ.