ޚަބަރު

ފަތުރުވެރިއެއްގެ ތަކެތި ވަަގަށްނެގިކަމަށް ތުހުމަތުކުރެވޭ މިހާވަނީ ދެނެގަނެވިފައި: ފުލުހުން


  • ފަތުރުވެރިޔާގެ ތަކެތިވަގަށް ނެގީ ފުވައްމުލަކުގައި އޭނާ މޫދަށް އެރިއުޅެނިކޮށް

  • ފަތުރުވެރިޔާގެ ވޮލެޓާއި މޯބައިލް ފޯނު ވަނީ ގެއްލިފައި

  • މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުން

ފުވައްމުލަކު ސިޓީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ބައެއް ތަކެތި އަތިރިމަތީގައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި، އެކަން ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ދެނެގަނެވިފައިވާކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ފަތުރުވެރިޔާގެ އަތުން ވައްކަންކުރި ވާހަކަ އޭނާ ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ ޢާންމުވެފައެވެ. އޭނާ ބުނި ގޮތުގައި މޫދަށް އެރުމަށް އޭނާ ދިޔައީ އޭނާގެ މޯބައިލް ފޯނާއި ވޮލެޓު ހޭޅިފަށުގައި ހެދިފައިހުރި ކުޑަ ގަސްގަނޑެއްގެ ދަށަށް ލައި ފޮރުވާފައެވެ. އަދި މޫދުން އެރިއިރު އެއިން އެއްވެސް އެއްޗެއް އެނތާގައި ނެތްކަމަށް ވީޑިއޯގައި އޭނާ ބުނެއެވެ.

ފުލުހުން ވިދާޅުވީ ފުވައްމުލަކު ސިޓީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ބައެއް ތަކެތި އަތިރިމަތީ ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައެއް އިއްޔެގެ ހަވީރު 17:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ދެނެގަނެވިފައިވާ ކަމަށާއި، މިމައްސަލަ ފުލުހުން ތަޙުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ވިދާޅުވެފައެވެ.