ޚަބަރު

ހުދު ލިބާހާއި މުންޑުން ފެށި ފުލުހުންގެ ޚިދުމަތް ނުވަ 'ދަހަރު' ފަހަނައަޅައި 91 އަހަރު!


  • އެންމެ ފުރަތަމަ ޔުނީފޯމުގެ ގޮތުގައި ބޭނުންކުރަން ފެށީ ލިބާހާއި މުންޑު

  • 1972 ވަނަ އަހަރު ސިފައިންގެ 12 މީހެއް ސިފައިންގެ ރަޖިސްޓްރީން އުނިކުރި

  • އަތޮޅުތެރޭ އެންމެ ފުރަތަމަ ޚިދުމަތް ފެށީ އައްޑު އަތޮޅު ގަމުގައި

ޤައުމެއްގެ ދާޙިލީ ހަމަޖެހުމާއި އަމަންއަމާންކަން ދަމަހައްޓައި ރައްކާތެރިކޮށް ދެނީ އެ ޤައުމެއްގެ ފުލުހުންގެ ޚިދުމަތުންނެވެ. އެ ޚިދުމަތަކީ ހަމައެކަނި ވަކި ބަޔަކު ކުށެއް ކުރުމުން އެކަން ބެލުމުގެ ޒިންމާއާއި ހަވާލުވެފައި ފަރާތް އެކަންޏެއް ނޫނެވެ.

އެއީ މުޅި ޤައުމުގެ އިޖްތިމާޢީ ފޭރާން ރައްކާތެރިކޮށްދީ އަދި ރައްޔިތު މީހާ ބޭނުންޖެހިއް ކޮންމެ ހާލާތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލައިގެން ތިބި ބައެކެވެ.

މިގޮތުން ދިވެހި ފުލުހުންގެ ޚިދުމަތަކީ މިފަދަ ކުލަގަދަ ނުވަ 'ދަހަރު' ނުވަތަ 90 އަހަރުގެ ދިގު ތަރީޙެއް އޮތް ޚިދުމަތެކެވެ. މިއަހަރު 91 އަހަރު ފުރޭ އެ ޚިދުމަތުގެ އަސްލަކަށް ވަނީ 1932 ވަނަ އަހަރު އެކުލަވާލީ ދިވެހިންގެ ފުރަތަމަ ޤާނޫނު އަސާސީއެވެ. އެ ޤާނޫނު އަސާސީގެ ދަށުން "ފުލުހުން މީހުންގެ ޤާނޫނު" ވުޖޫދު ކުރެވި، 1933 ވަނަ އަހަރު 120 މީހުންނާއި އެކު މާލެ 4 އަވަށަށް ބަހާލައި ޚިދުމަތް ފެށިގެން ދިޔައެވެ.

ފުލުހުންގެ ފުރަތަމަ ޔުނީފޯމަކީ ހުދު ލިބާހާއި މުންޑެއް

އެންމެ ފުރަތަމަ ޚިދުމަތް ދޭން ފެށީ ހުދު ލިބާހާއި މުންޑެއް ޔުނިފޯމުގެ ގޮތުގައި ބޭނުން ކުރަމުންނެވެ. އަދި މުސާރައަށް ހަނޑޫ މުޅިއެއް ދިނެވެ. އޭރު ހުށަހެޅޭ މައްސަލަތައް އުފުލަނީ އަވަށު ވެރިޔާއަށެވެ. ދެން ވެރިޔާއަށް ފެނިވަޑައިގަންނަވާ މައްސަލައެއް އަވަށު ވުޒާރަތުއް ދާޙިލީއްޔާއަށް ފޮނުވަނީއެވެ.

ފުލުހުން ޚިދުމަތުގެ ފެށުން މިގޮތަށް އައިސް 1933 އަހަރު އޯގަސްޓް މަހު ވޯރާ ވިޔަފާރިވެރިންގެ ހަޅުތާލު ހުއްޓުވުމަށް ސިފައިންނަށް އެއްބާރުލުންދީ އެއްބައެއްގެ ގޮތުގައި މަސައްކަތް ފެށިއެވެ. އަދި އޭގެ ފަހުން 1940 އާއި ހަމައަށް އައިއިރު ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ ސިފައިންނެވެ. ނަމަވެސް އޭރުވެސް ޚިދުމަތަށް ބަދަލެއް އައިސްފައި ނުވެއެވެ. އޭގެ ފަހުން ޚިދުމަތް ފުޅާވެގެން އައިސްފައިވަނީ 1960 އޯގަސްޓު މަހު ފަހުކޮޅު "ސިފައިންގެ އޮފީސް / ތަހުޤީޤާއި ބެހޭ ބައި" އުފެދުމާއެކުއެވެ. މިއީ ސިފައިން ކުރަންޖެހޭ ފުލުހުންގެ މަސައްކަތްތަކާއި ރައްޔިތުންގެ ޝަކުވާތަކާއި ތަޙުގީގުތައް ހިންގުމަށް އުފެދުނު ގޮތްޕެކެވެ.

އޭގެ ފަހުން ފުލުހުންގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަހަރަކީ 1972 ވަނަ އަހަރު ސިފައިންގެ 12 މީހެއް ސިފައިންގެ ރަޖިސްޓްރީން އުނިކޮށް ފުލުހުންގެ ގޮތުގައި ކަނޑައެޅުމެވެ. ލިބެން ހުރި ވަސީލަތަކާއިއެކު މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ތެރެއިން ފުލުހުން ކަނޑައެޅުނު ނަމަވެސް އެމީހުން ހުރިހާ އިންތިޒާމެއް އޭރުވެސް ހުރީ ސިފައިންގެ ތެރޭގައެވެ. ނަމަވެސް އެބައިވެސް އަހަރުތަކެއް ފަހުން ނެތި ދިޔައީއެވެ.

ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅާވުން

ކަން މިހެން އޮތް ނަމަވެސް އެދުވަސްވަރު ހިނގި އެތަކެއް ހާދިސާއެއް ތަހުޤީޤު ކާމިޔާބުކޮށް ހިންގާފައިވަނީ ސިފައިންގެ ތެރޭ ތިބި ފުލުހުންނެވެ. މީގެ ތެރޭގައި އުތުރު ގަޑުބަޑާއި ބޮޑުހުޅުގެ ހާދިސާ އާއި ތިނަދޫ ބަޢާވާތުގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ ސާކްސަމިޓާއި ދިމާކޮށް 1990 ސެޕްޓެންބަރު 2 ވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި ދިވެހިންގެ ބަޔަކު މާލެތެރޭގައި ބޮންގޮއްވި ހާދިސާތަކާއި، 1988 ނޮވެންބަރު ތިނެއްގެ އުދުވާނީ ޙަމަލާފަދަ ހާދިސާތައް ހިމެނެއެވެ.

އޭރުގެ މި ތަހުޤީޤުތަކަކީ ވަކި ހާއްސަ ތަމްރީނެއް ނެތި އެކަން ކުރަން ތިބި ބައެއްގެ ހުށިޔާރުކަމުން ހޯދާފައިވާ ނަތީޖާތަކެއްކަން ތަރީޚު ހެކިދެއެވެ. ނަމަވެސް ފުލުހުންގެ ޚިދުމަތް ޒަމާނީ ކުރުމަށް 1992 ވަނަ އަހަރު އިނގިރޭސި އިންސްޕެކްޓަރެއް ގެނެސް މަސައްކަތްތަކެއް ފެށިއެވެ. އަދި އެކަމުގެ ފޮނި މީރުކަން ޚިދުމަތުން ފެނުން ފަށާފައިވާކަން ދިވެހި ފުލުހުންގެ ކަޅާއި ހުދު ތަރީޚުން އެނގެއެވެ.

މިގޮތުން 1993 ގައި އޭރު މާލޭގައި އެކަނި ޚިދުމަތް ދެމުން ދިޔަ ދިނުން ބަދަލުކޮށް ސ. ގަމުއި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވިގެން ދިޔައެވެ. އަދި ކޮމިއުނިޓީ އޮރިއެންޓެޑް ފުލުހުން ނުވަތަ އިޖްތިމާޢީ ފުލުހުންގެ ޚިދުމަތް ފެށުން އަންނަނީ 1997 ވަނަ އަހަރު ޤާއިމް ކުރެވިގެން ދިޔަ ވިލީ ފުލުހާއި ހަމައިންނެވެ.

ދިވެހި އަންހެން ފުލުހުންގެ ޚިދުމަތަށް!

އަންހެން ކަނބަލުން ފުލުހުންގެ ޚިދުމަތުގައި އަދާކޮށްފައިވާ ޚިދުމަތުގެ ތާރީޚަށް ނަޒަރު ހިންގައިލާއިރު، އެންމެ ފުރަތަމަ ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހަރަކާތްތެރިވާން ފަށާފައިވަނީ 1989 މާރިޗު 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ސިފައިންގެ ޚިދުމަތަށް ނަގާފައިވަނީ 65 އަންހެނުންނެވެ.

އެންމެ ފުރަތަމަ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖެއްގެ ގޮތުގައި އަތޮޅު ޕޮލިސް ސްޓޭޝަނެއްގައި އަންހެން ކަނބަލަކު މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގައެވެ.

ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއަކަށް ބަދަލުވުމުގެ ކުރިން ސިފައިންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައިވެސް އަންހެން ކޮމިޝަންޑު އޮފިސަރަކު ނުހުރެއެވެ. އަދި އަންހެން ކަނބަލަކު، ޗީފް އިންސްޕެކްޓަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ފުލުހުން ޚިދުމަތުގައި މަސައްކަތް ކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ.

ސިފައިންގެ ތެރެއިން ފުލުހުން ވަކި ކުރެވި ދާޚިލީ ވުޒާރާގެ ދަށަށް

މިހުރިހާ ކުރިއެރުންތަކުން ފޮނި މީރުކަން އެކުވެގެން އައިސް ގުޅެނީ 2004 ވަނަ އަހަރު ސިފައިންގެ ތެރެއިން ފުލުހުން ވަކި ކުރެވި ފުލުހުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް ނުވަތަ ދާޙިިލީ ވުޒާރާގެ ދަށަށް ބަދަލު ކުރެވުމާއި ހަމައިންނެވެ.

އެހާ ހިސާބުން ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު މިފެންނަ ޒަމާނީ ޚިދުމަތަކަށް ބަދަލުވުވުމުގެ މަގުކޮށިގެން ދިޔައެވެ. އަދި ފެހި ޤާނޫނު އަސާސީއާއެކު ފުލުހުންނަށް ޒަމާނީ ޤާނޫނެއްވެސް ލިބިގެން ދިޔައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް ދެން އެންމެ ބޮޑު ބަދަލެއް އައީ 2020 ވަނަ އަހަރު ޢަމަލުކުރަން ފެށި އައު ފުލުހުންގެ ޤާނޫނާއެކުގައެވެ. އެގޮތުން މީގެ ކުރިން ކޮމިޝަނަރ އައްޔަން ކުރުމާއި ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާ ފުރިހަމަ ބާރު އޮތް ނަމަވެސް މިހާރު ޤާނޫނީ ގޮތުން އަދި ފަންނީ ގޮތުން އެ މަޤާމަށް ޝަރުތު ހަމަވާ ފަރާތްތައް ވަޒަން ކުރަން ބޯޑު މަސައްކަތް ކުރެއެވެ. އަދި ދާޚިލީ ވަޒީރަށާއި ލަފާ ފުލުހުންނާއި ގުޅޭގޮތުން ޤާނޫނީ ލަފާ އަރުވަން ޖެހޭ އެހެން ފަރާތްތަކަށް ލަފާ އަރުއެވެ.

ފުލުހުންގެ ޚިދުމަތަށް ހެޔޮ ބަދަލެއް، މުސާރައަށް ކުރިއެރުން

ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކު ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. ފުލުހުންގެ ޚިދުމަތަށް އެންމެ ފަހުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ ފުލުހުންގެ މުސާރައަށް މި ސަރުކާރުން ގެނައި ހެޔޮ ބަދަލެވެ.

އެގޮތުން 2009 ވަނަ އަހަރުން ފެށިގެން އަސާސީ މުސާރަ ބަދަލު ނުވެ އެކި އެލަވެންސްތައް ދެމުން އައި ފުލުހުންގެ މުސާރައަށް 35 އިންސައްތައިގެ ކުރިއެރުމެއް ވަނީ ދީފައެވެ. އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެވެ.

ފުލުހުންގެ ތާރީޚަކީ ދިގުނަމަވެސް އަދި ލިއުން ހުއްޓުމަކަށް އަންނާނެ ތަރީޚެއް ނޫނެވެ. ދުވަހުން ދުވަހަށް އިތުރުވަމުންދަނީ ކުރިއެރުންތަކާއި ރައްޔިތުންގެ އިތުބާރު ހޯދަމުގައި ކުރަމުންދާ މަސައްކަތުގެ ސަފުހާތަކެވެ. އަދި ކުރިއަށްވެސް ފުލުހުންގެ އައު ޤާނޫނުގެ ފަލްސަފާ ކަމަށްވާ ކޮމިއުނިޓީ ޕޮލިސިންގްއަށް އިސްކަންދީ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް އަމާން މުޖުތަމައަކަށް ހެދުން ކަމަށް ފުލުހުން ވިދާޅުވެއެވެ.