ޚަބަރު

ފައިދާނުވާ އެއްވެސް މަޝްރޫޢެއް ދެން ފެނަކައިން ނުހިންގާނެ: މުޢާޒް


  • ފެނަކައިގެ ސިޔާސަތުތައް އަންނަނީ ބަދަލުކުރަމުން

  • ކުންފުނީގެ މާލީ ޙަލަތު ރަނގަޅުކުރުމަށް ދަނީ މަސައްކަތްކުރަމުން

  • ކުރިއަށް އޮތް 5 އަހަރަށް ބިޒްނަސް ޕްލޭނެއް ހަދަނީ

  • ގެއްލުންވާ ޕްރޮޖެކްޓުތައް އުވާލުމުގެ މަސައްކަތް ދަނީ ކުރަމުން

ކުރިއަށް އޮތްތާގައި ފައިދާ ނުވާ އެއްވެސް މަޝްރޫޢެއް ފެނަކައިން ހަވާލުނުވާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުޢާޒް މިހެން ވިދާލުވީ ނިމިދިޔަ ސަރުކާރުގައި ކުންފުންޏަށް ފައިދާ ނުވާ މަޝްރޫޢުތަކާވެސް ކުންފުނިން ހަވާލުވެ ކުރިއަށް ގެންދިއުމުގެ ސަބަބުން އެކުންފުނީގެ މާލީ ޙާލަތު ދަށްވެފައިވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިދިޔަ 5 އަހަރު ފެނަކަ ކޯޕަރޭޝަން ހިންގާފައިވާ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނާއި، މެނޭޖްމަންޓުގެ ބައެއް ނިންމުން ތަކުގެ ސަބަބުން އެކުންފުނީގެ މާލީ ޙާލަތު ވަނީމިއިން ދުވަހަކު ނުދާހާ ދަށަށް ގޮސްފައެވެ. މިއާއެކު އެކުންފުުނީގެ އެތައް މަޝްރޫޢެއް މިސަރުކާރާ ހަވާލުވީއިރު އޮތީ ހުއްޓިފައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި 4 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދަކުން ކުންފުނި އޮތީ ދަރަނިވެރިވެފައިކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ފެނަކައިގެ ކަންކަން ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަޞައްވުރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ މިދިޔަ މެނޭޖްމަންޓުން ކުންފުނި ހިންގާފައިވަނީ ފައިދާވާން ޖެހޭ ކުންފުންޏެއްގެ ގޮތުގައި ދެކިގެންނޫންކަމަށެވެ. މިއާއެކު އެކުންފުންޏަށް ނުކަތާވަރަށް ގެއްލުމުގައި އެތައް މަޝްރޫޢެއް ހިންގަމުން ދިޔަކަން މުޢާޒް ފާހަގަކުރެއްވިއެވެ.

ނަމަވެސް އެ ވިސްނުމުގެ ބަދަލުގައި ފެނަކައިގެ އައު މެނޭޖުމަންޓުގެ ވިސްނުންހުރީ ފައިދާވާ ކުންފުންޏަކަށް ކުންފުނި ބަދަލުކުރުމަށެވެ. އެގޮތުން ފައިދާ ނުވާނެ އެއްވެސް މަޝްރޫޢުއެއް ކުރިއަށް ނުގެންދިއުމަށް އެކުންފުނިން ނިންމާފައިވާކަމަށް މެނޭޖިންގ ޑިރެކްޓަރ މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ފެނަކަ އަލުން ކޮޅަށް ޖެހުމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނި ދަރަނިވެރިވެފައިވުން ކަމަށެވެ. އަދި ދަރަނި ދެއްކުމަށް ސަރުކާރާ މަޝްވަރާކޮށް ޕްލޭންތަކެއް ހަދަމުންދާކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކެއް ހެދުމަށް ކުރީގެ އިކޮނޮމިކް މިނިސްޓްރީން ފެނަކައަށް ހަވާލުކުރީ 295000 ރުފިޔާއަށްއަށް. އޭޓީއެމް އަޅައިދޭ މާކެޓު ރޭޓިންއަކީ 750،000 ރުފިޔާ. މިހެންވެ ހެޔޮ އަގަކަށް އަޅައިދީގެން ފެނަކައަށް ލިބޭނީ ގެއްލުން ނޫންތޯ. އަދި އޭޓީއެމް އަޅައިދިނުމަށްފަހު މެއިންޓަނަންސްއާއި އެތަނަށް ކަރަންޓު ދޭން ޖެހެނީ ފެނަކައިން. ސެކިއުރިޓީ ބަލަހައްޓަން ޖެހެނީ ފެނަކައިން. އެހެންނަމަވެސް ހުރިހާ ރެވެނިއުއެއް ލިބޭނީ ބޭންކަށް. ސަބަބަކީ އޭޓީއެމްއަކީ ބޭންކުން ދޭ ޚިދުމަތެއް. މިހެންވެ ފެނެކައަށް ކިހިނެއްތޯ މިކަމުން ފައިސާ ލިބޭނީ. އަދި އެތަން އަޅަން ދިޔަ ޚަރަދު ދައްކާނީ." މުޢާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މުޢާޒް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ބިޒްނަސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ޕްލޭން އެކުލަވާލުމުން ކުންފުނިން ނަގާނީ ކޮން ޕްރޮޖެކްޓުތަކެއްކަމާއި، ވަންނާނީ ކޮން ވިޔަފާރިތަކަކަށްކަން އެނގޭނެ ކަމަށް މުޢާޒް ވިދާޅުވިއެވެ. އަދި އަމާޒަކީ ވީހާވެސް ބޮޑަށް ފެނަކައިންކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުންކަން މުޢާޒް ފާހަގަކުރެއްވިއެވެ.

"ޓްރާންސްޕޯޓަށް ކުރާ ޚަރަދު ކުޑަ ކުރަންޖެހޭ. މިހާރުވެސް ލޮޖިސްޓިކަށް ޚަރަދުކުރަން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 100 މިލިއަން ރުފިޔާ. ކުންފުންޏަކު ނެތް ލޭޑިން ކްރާފްޓެއް، ދޯންޏެއް، ހެވީ ވެހިކަލެއް. އުޅަނދުތައް ހޯދުމަށް އިންވެސްޓްކުރަން ޖެހޭ. އުޅަނދުތައް ލިބުނީމަ ވަރަށް ބޮޑަށް ޚަރަދު ކުޑަ ކުރެވޭނެ. އަދި އޭރުން ލޮޖިސްޓިކަށް ޚަރަދުކުރި ފައިސާ އެހެން ކަމަކަށް ބޭނުންކުރެވޭނެ." މުޢާޒް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުންވާ އަނެއްކަމަކީ އައިސް ޕްލާންޓް ހިންގުންކަމަށެވެ. އެހެންކަމުން، ގެއްލުންވާ ގޮތަށް ޕްރޮޖެކްޓުތައް ހިންގުން ހުއްޓަލުމުގެ ސިޔާސަތުގެ ދަށުން މިފަދަ ގެއްލުންވާ ޕްރޮޖެކްޓުތަކުގެ ކޮންޓްރެކްޓު އުވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މެނޭޖިން ޑިރެކްޓަރ މުޢާޒް ވިދާޅުވިއެވެ.

ފެނަކައިން ކުރިން ހާމަކުރި ގޮތުގައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ކުންފުންޏަށް 120 މިލިޔަން ރުފިޔާގެ ޢާމްދަނީއެއް ލިބުނުނަމަވެސް 8000 މުވައްޒަފުންނަށް ކޮންމެ މަހަކު 86 މިލިއަން ރުފިޔާ މުސާރައަށް ހޭދަކުރަންޖެހޭކަން ވެސް ފެނަކައިން ކުރިން ވަނީ ހާމަކޮށްފައެވެ.