ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ސުމޫދު ފްލޮޓިލާ ބޯޓުތަކުގައި ތިބި ދަތުރުވެރިންނާ ދެކޮޅަށް ޔަހޫދީންގެ ނިރުބަވެރި ސިފައިން ހިންގި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ޔަހޫދީންގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އާއި އަސްކަރިއްޔާ، ފުލުހުން އަދި ޖަލުތަކާ ބެހޭ އިދާރާތަކުގެ އިސް އޮފިޝަލުންގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ފަށާފައިވާކަމަށް އިޓަލީވިލާތުންގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ.
މިއީ ޔަހޫދީންގެ ހަރުކަށި ޤައުމީ ސަލާމަތާބެހޭ ވަޒީރު އިތަމާރް ބެން-ގްވީރް އަށް އަމާޒުކޮށް ކުރިން ފަށާފައިވާ ތަޙުޤީޤުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
އިޓަލީވިލާތުގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ނެރުނު ބަޔާނުގައި ވާގޮތުން، މި މައްސަލައަކީ 2025 އަދި 2026 ވަނަ އަހަރު ޣައްޒާއަށް ދަތުރުކުރި ފްލޮޓިލާގެ ކުދި ބޯޓުފަހަރަށް ޔަހޫދީ ސިފައިން ހުރަސްއެޅުމުގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކާ ގުޅޭ މައްސަލައެކެވެ. އޭގެ ތެރޭގައި ލާއިންސާނީ އަނިޔާކުރުމާއި، ރަހީނުކުރުމާއި، ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތައް ދިނުމުގެ އިތުރުން ފޭރުމާއި މުދަލަށް ގެއްލުންދިނުމުގެ ޢަމަލުތައް ހިމެނެއެވެ.
މި ތަޙުޤީޤު ރަސްމީކޮށް ފަށާފައިވަނީ، ސެޕްޓެމްބަރުން އޮކްޓޯބަރު 2025 އަދި އެޕްރީލުން މޭ 2026 އަށް ކުރިއަށްގެންދިޔަ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ދެ މިޝަނަށްފަހު ޔަހޫދީންގެ ސަލާމަތީ ބާރުތަކުން ބަންދުކުރި އިޓަލީވިލާތުގެގެ 50 ރައްޔިތަކު ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ. އިޓަލީވިލާތުގެ ޤާނޫނު ތަންދޭ ގޮތުން، އެ ޤައުމުން ބޭރުގައި އެ ޤައުމުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ޖިނާއީ ކުށްތަކުގެ ޝަރީޢަތް ރޯމްގައި ހިންގުމުގެ ފުރިހަމަ ޤާނޫނީ އިޚްތިޞާސް އެ ޤައުމުގެ ކޯޓުތަކަށް ލިބިގެންވެއެވެ.
ޕްރޮސެކިއުޓަރުން ފާހަގަކުރި ގޮތުގައި، ފުރަތަމަ ފަހަރު ހައްޔަރުކުރި އެކްޓިވިސްޓުންނަށް އަނިޔާކުރުމުގެ އިތުރުން، މަރުގެ އިންޒާރުދީ، ބޭއަދަބީ ބަހުރުވައިން މުޚާތަބުކޮށް، ޓެރަރިޒަމްގެ ދޮގު ތުހުމަތުތައް ވަނީ ކޮށްފައެވެ. އަދި ދެވަނަ މިޝަންގެ ބައިވެރިންނާ މެދު މިއަށްވުރެ ވެސް ރަހުމުކުޑަ، ހަރުކަށި އަނިޔާތަކެއް ހިންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެ ތެރޭގައި އަނދިރީގައި ބައިތިއްބައިގެން އަނިޔާކުރުމާއި، ކަރަންޓު ޝޮކް ދިނުމުގެ އިތުރުން ރަބަރު ވަޒަން ބޭނުންކޮށްގެން ހަމަލާދިނުން ހިމެނެއެވެ.
މި އޮޕަރޭޝަންތައް ރާވައި ހިންގުމުގައި ބައިވެރިވި ޔަހޫދީންގެ އަސްކަރީ އަދި ފުލުހުންގެ ކޮމާންޑް ލެވެލްގެ އިސްވެރިން މިހާރު ދެނެގަނެވިފައިވާ ކަމަށް ތަޙުޤީޤީ އިދާރާތަކުން ބުނެއެވެ. އެގޮތުން ކަޓްޒް އަދި ބެން-ގްވީރް ގެ އިތުރުން، އަސްކަރިއްޔާގެ އިސްވެރިޔާ އިޔާލް ޒަމީރު ހިމެނޭހެން 12 އިސް އޮފިޝަލަކު ތުހުމަތުކުރެވޭ މީހުންގެ ލިސްޓުގައި ވަނީ ހިމަނައިފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ކަޓްޒް އަދި ޒަމީރުގެ ފަރާތުން މިހާތަނަށް އެއްވެސް ރަސްމީ ރައްދެއް ދީފައެއް ނުވެއެވެ. ނަމަވެސް ބެން-ގްވީރް މީގެ ކުރިން ބުނެފައިވަނީ އޭނާ ހުންނާނީ ޔަހޫދީ ސިފައިންގެ ފަހަތުގައި ސާބިތުވެ ފަޚުރުވެރިކަމާއެކު ކަމަށެވެ.
ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، ހާދިސާ ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ސާފުކުރުމަށާއި ވަކިވަކި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ޖޫން މަހު ޔަހޫދީ ދައުލަތަށް ވަނީ ޝަރުޢީ އެހީތެރިކަމަށް އެދި ހުށަހަޅައިފައެވެ. ނަމަވެސް އެކަމަށް ޔަހޫދީ ދައުލަތުން މިހާތަނަށް އެއްވެސް އިޖާބައެއް ދީފައިވާ ކަމެއް ސާފެއް ނޫނެވެ. މީގެ އިތުރުން، ވިލާތުގެ އެހެން ޤައުމުތަކުގައި ވެސް މި މައްސަލައިގެ ތަޙުޤީޤުތައް ކުރިއަށްދާތީ، ޔޫރަޕިއަން ޔޫނިއަންގެ ޝަރުޢީ އެއްބާރުލުންދޭ އިދާރާ (ޔޫރޯޖަސްޓް) އާއެކު ވެސް ދަނީ ގާތުން މަޝްވަރާތައް ބާއްވަމުންނެވެ.
އިޓަލީވިލާތުގެ ޝަރުޢީ ނިޒާމުގައި ތަޙުޤީޤީ މަރުހަލާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމެއް ނޫނެވެ. އަދި އޭގެ ސަބަބުން ވަގުތުން ޝަރީޢަތް ފެށިގެންދާކަށް ވެސް ނުޖެހެއެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް ހެކި ލިބިއްޖެނަމަ ރަސްމީކޮށް ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރުން ކޯޓަށް ހުށަހަޅާނެއެވެ.
ފްލޮޓިލާ އިންތިޒާމުކުރި ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ އެމީހުންގެ މައިގަނޑު އަމާޒަކީ ކަނޑުމަގުން އިންސާނީ އެހީ ފޯރުކޮށްދީ ޣައްޒާގެ ޙިޞާރު ނައްތާލުން ކަމަށެވެ.