ވަނގާރަކީ ހއ.ތުރާކުގެ އިޚްތިޞާސްގެ ތެރޭގައި އޮތް ރަށެއްނަމަވެސް، 2016ވަނަ އަހަރު އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ނިންމިއެވެ. މިއާއެކު ތުރާކުނުގެ އިޚްތިޞާސުން އެރަށް އުނިކުރިއެވެ. އޭރު ވަނގާރަކީ ތުރާކުނު ރައްޔިތުންގެ ދަނޑުވެރިކަން ކުރަން ބޭނުން ކުރި ރަށެކެވެ. ނަމަވެސް އެރަށުގެ އިޚްތިޞާސުން އެރަށް އުނިކުރުމުން އެރަށް ތުރާކުނު ރައްޔިތުންގެ ބޭނުމަށް ބޭނުންކުރުން ހުއްޓާލަންޖެހުނީއެވެ.
ނަމަވެސް އެރަށުގެ ރައްޔިތުން އަބަދުވެސް އެދިއެދި ތިބީ ވަނގާރަކީ އެރަށުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް ފާއިތުވި ސަރުކާރުގައި އެކަމަށް އިޖާބައެއް ނުދިންނަމަވެސް ދިގު އިންތިޒާރަކަށްފަހު އެރަށުގެ ރައްޔިތުން އެދިއެދި ތިބި އެދުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިވަނީ ފުރިހަމަކޮށްދެއްވާފައެވެ. ހއ. ވަނގާރު، ހއ.ތުރާކުނުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. މިއާއެކު ބިމުގެ ދަތިކަން އޮތް ހއ. ތުރާކުނު ރައްޔިތުންނަށް ލިބިގެން ދިޔައީ ބޮޑު ހިތްހަމަ ޖެހުމެކެވެ. ރައްޔިތުންނަށް ލިބުނީ އުންމީދެކެވެ. މިގޮތަށް ނިންމަވައި ދެއްވިކަމަށްޓަކައި އެ ރަށު ރައްޔިތުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
"އަޅުގަނޑުމެނަނަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު އުފަލެއް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ވަރަށް ދުވަސް ވެއްޖެކަމެއް މިއީ ހާސިލް ނުވެގެން އުޅޭތާ. އަޅުގަނޑުމެންގެ ހުރިހާ ބޭފުޅުންގެވެސް ވަރަށް ބޮޑު އުއްމީދެއް މިއަދު ހާސިލްވެގެން މިދިޔައީ. އެކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވަން " ތުރާކުނު ރައްޔިތަކު ބުންޏެވެ.
ތުރާކުނު ކައުންސިލުންވެސް މިކަން ފާހަގަކުރަނީ އުފާވެރިކަމާ ހިތްހަމަ ޖެހުމާއެކުއެވެ.
"މިމަސައްކަތް އަޅުގަނޑުމެން ސިޔާސީ ގޮތުން ފެށީ 2011 ވަނަ އަހަރު. މިއަދާ ހަމައަށް ހުރިހާ ސަރުކާރެއްގައިވެސް އަޅުގަނޑުމެން ދިޔައީ މިވާހަކަ ފާހަގަކުރަމުން. ދެން އެހެންނަމަވެސް މިހުރިހާ ދުވަހު އެކަން ނުވެ މި ސަރުކާރުން ހަމަޖައްސާ ދެއްވީތީ ވަރަށް އުފާވޭ." އެރަށުގެ ކުރީގެ ކައުންސިލް މެންބަރުކު ވިދާޅުވިއެވެ.
ތުރާކުނަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ މި ނިންމެވުމާއެކު އެ ރަށުގެ ރައްޔިތުންގެ ގިނަ ފައިދާތަކެއް ކުރާނެމަށެވެ. އަދި ތުރާކުނުގެ ބައެއްގެ ގޮތުގައި އެ ރަށް ހަމަޖެހިގެން ދިއުމުން ދެން ޢަމަލު ކުރާނެ ގޮތް ރައްޔިތުން ނިންމަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ އެކަން ކުރަން އެނގޭ ސަރުކާރެއްކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
"އޭރުން އެރަށުގެ ޗާޓު ކުރަހާ އެރަށުގައި ކުރަންވާ އިންވެސްޓްމެންޓުތަކާއި، އަދި ހަދަންވާ ގޮތާ؛ ބޭރުން ހޯދާނީތޯ ނޫނީ ސަރުކާރުގެ ބަޖެޓުގައި ޖަހައިގެން ފައިސާ ހޯދާނީތޯ، ކިހިނެތް ހަދައިގެން ކޮން މަސައްކަތެއް އެތާނގައި ކުރާނީ. ރައްޔިތުން ދިރިއުޅޭނީތޯ ނޫނީ ވަށައިގެން ބީޗް ހަދައިގެން ގެސްޓް ހައުސް އަޅައިގެން ހަމަ ރިސޯޓެއް ގޮތަށް ތުރާކުނު ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް ހިންގާނީތޯ ކުންފުންޏެއް ހަދައިގެން. ނޫނީ އެތާނގައި ވޯޓާ ބަނގަލޯ އަޅައިނީތޯ ރިސޯޓެއްގެ [ގޮތުގައި] ތުރާކުނު ކޮންމެ ރައްޔިތެއްގެ ހިއްސާ އޮންނަ ގޮތަށް ކުންފުންޏެއް ހަދައިގެން އެކަން ކުރާނީތޯ. އެކަން ކުރަން އެނގޭ ސަރުކާރެއްތާ މިއޯތީ ދެއްތޯ. އަޅުގަނޑުމެންނަށް އެހާ އުނދަގޫ ކަމެއް ނޫން އެކަހަލަ ކަންކަމުގައި މަސައްކަތް ކޮށްދިނުމަކީ." ސައީދު ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި ފެބްރުއަރީ މަހު ތުރާކުނު ކައުންސިލާއި ބައްދަލު ކުރެއްވިއިރުވެސް، އެ ރަށު ކައުންސިލުން ވަނީ ރައީސް އަރިހުގައު ވަނގާރަކީ އެރަށުގެ ބައެއްގެގޮތުގައި ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައެވެ. ކޮންމެއަކަސް ތުރާކުނު ރައްޔިތުންގެ އުންމީދު ސަރުކާރުން ފުރިހަމަކޮށްދިނީއެވެ. ދެން އޮތީ އެރަށް ރަށުގެ ރައްޔިތުންގެ ފައިދާއަށާއި އިޤްތިޞާދީ އަދި އިޖުތަމާޢީ ބޭނުންތަކަށް ބޭނުންކުރުމުގެ މަރުޙަލާއެވެ.