ޚަބަރު

އެމްޑީޕީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއި ރައީސް ސާލިހު ބައްދަލުކުރައްވައިފި


  • އެމްޑީޕީގެ ފަރާތުން 90 ކެންޑިޑޭޓަކުން ވާދަކުރެއްވި

  • މަޖިލީހަށް އިންތިހާބުވީ 12 ކެންޑިޑޭޓުން

މިދިޔަމަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް، ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ އިންތިޚާބީ މެންބަރުންނާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީން ބުނީ މަޖިލީހަށް އިންތިޚާބުވި މެންބަރުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި އެންމެހާ އިންތިޚާބީ މެންބަރުންނާ ރައީސް ޞާލިޙު ބައްދަލުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭ ތަފްސީލެއް އެމްޑީޕީން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެމްޑީޕީ ތަމްސީލްކުރައްވާ މަޖިލިސް މެންބަރުން ވާނީ ސަރުކާރު ޖަވާބުދާރީކުރުވުމުގައި މަޖިލީހުގައި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ބަޔަކަށް ކަމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު 93 ދާއިރާ ތަމްސީލުކުރާނެ މެންބަރުން ހޮވުމަށް ބޭއްވި މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން 90 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ނަމަވެސް އޭގެ ތެރެއިން 20 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ 12 ކެންޑިޑޭޓުންނެވެ.