ޚަބަރު

ޔަހޫދީންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ހުށަހަޅާފައިވާ މައްސަލައަށް ފުރިހަމައަށް ތާޢީދުކުރަން: ރައީސް


  • ޔަހޫދީންނަށް އިތުރު ފިޔަވަޅު އެޅުމަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ވަނީ ހުށަހަޅާފައި

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ޔަހޫދީންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއަށް ހުށަހަޅާފައިވާ ހުށައެޅުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާޢީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކުރައްވާއި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ ޔަހޫދީން ރަފަޙްގައި ހިންގަމުންދާ ލާ އިންސާނީ އަމަލުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމަޢު މަޑު އޮވެގެން ނުވާނެކަމަށާއި، އެކަމާއި ދެކޮޅަށް ތެދުވަންޖެހޭކަމަށެވެ. އެހެންކަމުން ޔަހޫދީންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާންޖެހޭކަމަށެވެ. އަދި އެކަމާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށާއި 1967ގެ ކުރިން ބޯޑަރުތައް އޮތް ގޮތަށް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިން އަބަދުވެސް ސާބިތުވެ ތިބޭނެކަމަށެވެ.

އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅި، އެ ޤައުމުގެ މުސްލިމް އަޚުންނާއި އުޚްތުން އަމާންކަމާއި މިނިވަންކަމާއެކު ދިރިއުޅޭ ދުވަހެއް އަންނަންދެން އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލުމުގައި ދިވެހިން ދެމި ތިބޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޣައްޒާގެ ރަފަޙްގެ އިރުމައްޗާއި މެދުތެރޭގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަޙައްދުތަކުން ފައިބަން ޔަހޫދީން ފައުޖުން އެންގީ އިއްޔެގެ ވަގުތެއްގައެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގައި މި ވަގުތު ފަލަސްޠީނުގެ 1.4 މިލިޔަނެއްހާ މީހުން އެބަތިއްބެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު 7ގައި ޔަހޫދީން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 35,000 ފަހަނައަޅާފައެވެ. ޢުދުވާނުގައި ޣައްޒާގެ ޢުމްރަނީ ވަސީލަތްތަކުގެ 75 އިންސައްތަ ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.