ޚަބަރު

ގުޅިފަޅު ބިން ހިއްކުން ހުއްޓުވަން ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި


  • މަޝްރޫއު ހުއްޓުވައިފިނަމަ ދައުލަދަށް ފޫނުބެއްދޭ ވަރުގެ ގެއްލުންވާނެކަމަށް ސުޕްރީމް ކޯޓުން ބުނޭ

  • ގުޅިފަޅު ބިން ހިއްކުމުގެ ބޮޑުބައެއް ވަނީ ނިމިފައި

މާލޭ ސަރަހައްދުން ގޯތިދިނުމަށް ސަރުކާރުން ހިއްކަމުންދާ، ކ.ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ތިމާވެށިގެ އެކްޓިވިސްޓެއްކަމަށް ބުނާ، އަމިއްލަ ފަރާތަކުން ފުރަތަމަ އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ ގުޅިފަޅު ހިއްކުމުގެ މަޝަރޫއު ހުއްޓުވުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އޭގެ ފަހުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ނިންމެވީ، ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫޢު ކުރިއަށް ގެންގޮސްފިނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ގެއްލުންތައް މާ ބޮޑު ކަމަށް ފެންނާތީ، އެ އެކަން މަޑުޖެއްސުމަށެވެ. ނަމަވެސް، މަޝްރޫއު ހުއްޓާލުމުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއެވެ.

އެއިރު، ގުޅީފަޅު ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ހައި ކޯޓުން ނެރުނު އަމުރަށް އަމުލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރެއްވެސް ނެރުނެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވެވި، ހުކުމްގައި ވަނީ، މައްސަލަ ހުށަހެޅި ފަރާތް އެދޭ ގޮތަށް ގުޅިފަޅު ހިއްކުން ހުއްޓުވައިފިނަމަ ދައުލަތަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި މާލީ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަދި ގުޅިފަޅު ހިއްކާތީ ތިމާވެށްޓަށް ލިބޭ ދާއިމީ ގެއްލުންތައް މައްސަލަ ހުށަހެޅި ފަރާތަށް ސާފުކޮށް ބުނެދެވިފައި ނުވާ ކަމަށްވެސް އެ ހުކުމްގައި ވެއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމަވާފައިވާއިރު، ގުޅިފަޅު ހިއްކުމުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ހިއްކަން ނިންމާފައި އޮތީ 65 ހެކްޓަރުގެ ބިމެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިތުރު 85 ހެކްޓަރާއެކު ޖުމްލަ ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމަވާފައެވެ.