ޚަބަރު

5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެހީވާން ޗައިނާގެ ޓެކްނިކަލް ޓީމެއް ރާއްޖެ އަންނަނީ


  • ޓެކްނިކަލް ޓީމުގެ ދިރާސާތަކުގައި ރާއްޖޭގައި ފަސޭހައިން ހެއްދޭނީ ކޮންކަހަލަ ގަހެއްތޯ ބަލާނެ

  • 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 5 ގައި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު ކުރިއަށްގެން ދިއުމުގެ ކުރިން ރާއްޖޭގެ ވެލިގަނޑުގެ ދިރާސާއެއް ކުރުމަށް ޗައިނާއިން ޓެކްނިކަލް ޓީމެއް ރާއްޖެ އަންނާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ސަފީރު ވަންގ ލިޒިން ވިދާޅުވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ގަސް އިންދުމުގެ ޕްރޮގުރާމާ ގުޅޭގޮތުން ޗައިނާގެ ފުޖިއަން ފޮރެސްޓަރީ އެޑްމިނިސްޓްރޭޝަންއާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަފީރު ވިދާޅުވީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު ކުރިއަށް ގެންދިއުމުގެ ކުރިން ފުޖިއަން ފޮރެސްޓަރީ އެޑްމިނިސްޓްރޭޝަންގެ ޓެކްނިކަލް ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެޓީމުން އައިސް ރާއްޖޭގައި ދިރާސާތަކެއް ކުރާނެކަމަށް ސަފީރު ވިދާޅުވިއެވެ. މި ދިރާސާތަކުގައި ރާއްޖޭގެ ވެލިގަނޑު ދިރާސާކޮށް ރާއްޖޭގައި ފަސޭހައިން ހެއްދޭނީ ކޮންކަހަލަ ގަހެއްތޯ ބަލާ ވުޒާރާއަށް ލަފާ އަރުވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

"ޓެކްނިކަލް ޓީމުގެ ދިރާސާތަކުގެ އިތުރަށް 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ޗައިނާއަށް ވެވެން އޮތް އެހީތެރިކަމެއް ދޭނެ." ސަފީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28" ގައެވެ.

މި ޕްރޮގުރާމު ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މި ޕްރޮގުރާމުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައިވެސް ގަސް އިންދާނެއެވެ.

މީގެ ކުރިން ސަރުކާރުން ވިދާޅުވެފައިވަނީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ޤައުމުތަކުން ގަސް ހަދިޔާކުރާނެ ކަމަށެވެ.