ޚަބަރު

ސަރުކާރަށް 6 މަސް: ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ، މިނިވަންކަމާއި ސިޔާދަތީ ބާރު ކަށަވަރުކުރެވުނު


  • މިމަހުގެ 10 ވަނަ ދުވަހު އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބި

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް އެއަރ ކޯ އުފެއްދެވި

  • އިންޑިއާއާއެކު ހެދި ހައިޑްރޯގްރަފީ ސާރވޭގެ އެއްބަސްވުން އުވާލި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އެތައް ގޮތަކުން ނުރައްކާތަކެއް ކުރިމަތިވެފައި އޮތް ދުވަސްވަރެއްގައެވެ. ރާއްޖޭގެ މިނިވަންކަމާއި ސަލަމާތާއި ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު އިންތިހާއަށް ބޮޑުވެފައި އޮތް ދުވަސްވަރެއްގައި އެމަނިކުފާނު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ ދިވެހީންގެރާއްޖެ އަނބުރާ ދިވެހީންނަށް ހޯދައިދެއްވުމުގެ ވަރުގަދަ އަޒުމެއްގައެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ތެރެއިން ރާއްޖޭގައި ޤާއިމްވެ ތިބި ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެއްވުމެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބެގެން ނުވާނެކަމަށާއި ދިވެހި ޤައުމުގައި ޤާއިމްވެތިބި ހުރިހާ ބޭރުގެ ސިފައިން ޑިޕްލޮމެޓިކް ރިވެތި އުޞޫލުގެ ދަށުން އަނބުރާ ޤައުމަށް ފޮނުވާލައްވާނެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު ފެއްޓެވިއެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލެއްވުމަށް ފުރަތަމަ ދުވަހުން ފެށިގެން ފެއްޓެވި މަސައްކަތްޕުޅުގެ ދަށުން އެކަމަށް ސުންގަޑިތަކެއް ކަނޑައެޅުއްވިއެވެ. އަދި އެކަމަށް ކަނޑައެޅި ސުންގަޑިކަމަށް، 10 މޭގެ ނިޔަލަށް ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން ވަނީ އަނބުރާ ގައުމަށް ފޮނުވާލައްވާފައެވެ. ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ސިފަކުރެއްވި ގޮތުގައި، އެހާ ކުރު މުއްދަތެއްގެ ތެރޭގައި ބޭރުގެ ސިފައިން ޤައުމުން ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުންނެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލެއްވުމުގެ އިތުރުން، ރާއްޖޭގެ އަސްކަރީ ބާރުގަދަކޮށް، ސިޔާދަތީ މިނިވަންކަން ކަށަވަރުކުރުމަށް އެހެން ޤައުމުތަކަށް ބަރޯސާވާވުން ކުޑަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

އެ މަސައްކަތްޕުޅުގެ ދަށުން ރާއްޖޭގެ ބޯޑަރާއި ކަނޑުގެ ސަރަހައްދު ބެލެއްޓުމުގެ މަސައްކަތަށް ޒަމާނީ ޑްރޯންތައް ހޯދައި، އެމްއެންޑީއެފް އެއަރ ކޯގެ ހިދުމަތް ޤާއިމްކުރެއްވީ ރައީސް މުއިއްޒުގެ ސަރުކާރުންނެވެ. އެއަރ ކޯގެ ޚިދުމަތާއެކު ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި އިތުރު ބަޔަކަށް ބަރޯސާނުވެ، ދިވެހި އަސްކަރިއްޔާއިން އެ މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިގެންދިޔައެެވެ.

ދިވެހި ކަނޑު ފަޅުގެ މައުލޫމާތު ހޯދުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާރވޭގެ މަސައްކަތްވެސް ނިމިދިޔަ ސަރުކާރުން އޮތީ ބޭރު ބަޔަކާއި ހަވާލުކޮށްފައެވެ. ދިވެހީންގެ ބާރެއް ނެތް ގޮތަށް ކުރިއަށްގެންދިިޔަ މި މަސައްކަތަށް ނިމުމެއް ގެންނަވައި، އަސްކަރީގޮތުން ޤައުމު ވަރުގަދަކޮށް، މިނިވަންކަމާއި ސިޔާދަތީ ބާރު ގަދަކުރުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާރވޭތައްވެސް ދިވެހި އަސްކަރިއްޔާއިން ކުރިއަށްގެންދާ ގޮތަށް ރައީސުލްޖުމްހޫރިއްުޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުންވެސް ދިވެހި އަސްކަރިއްޔާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމާ ގުޅޭގޮތުން އެމެރިކާއާއި ޗައިނާއާއެކު ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގައި "ހެލިކޮޕްޓަރ ސަރވިސް" ފެށުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ހަމައެހެންމެ ކުރީ ސަރުކާރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. މި ހުރިހާ މަސައްކަތަކީވެސް ދިވެހިންގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ޤައުމުގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތަކެވެ. މިއީ ކުރަން އުނދަގޫ ބޮޑެތި މަސައްކަތްތަކެއް ނަމަވެސް، އަންނަން އޮތް ޖީލުތަކަށް މި ޤައުމު މިނިވަންކަމާއެކު ވާސިލުކޮށްދިނުމަށް މިއީ ކޮންމެހެންވެސް ކުރަންޖެހޭ ޤައުމީ މަސައްކަތްތަކެއްކަން ކަށަވަރެވެ.