މީޑިއާ ވިލެޖު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތްކަމަށާއި، އެތަނުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
މީޑިއާ ވިލެޖެއް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. އަދި މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ ފައިސާ ދެއްވުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. މީޑިއާ ވިލެޖް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ މީޑިއާ ވިލެޖް ތަރައްޤީކުރުމަށްޓަކައި ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި މީޑިއާ ވިލެޖްގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އިބްރާހީމް ވަޙީދު ވިދާޅުވީ މީޑިއާ ވިލެޖްގެ މަސައްކަތްތައް ނިމޭއިރު ޓީވީ ސްޓޭޝަންތަކަށް ޖާގަ ތަނަވަސް އޮފީހެއް ހަމަޖެހިގެންދާނެ ކަމަށާއި ރަނގަޅު ފެންވަރުގެ ސްޓޫޑިއޯތައް ޤާއިމުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ. އަދި މި މަސައްކަތް ނިމިގެންދާއިރު ނޫސްވެރިކަން މުޅިން އައު މިސްރާބަކަށް ބަދަލުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖެގައި މިވަގުތު އޮޕަރޭޓްކުރާ އަމިއްލަ ޕްރައިވެޓް ޓީވީ ސްޓޭޝަންތަކަށް ވުރެ ޖާގަ ތަނަވަސްވާނެ. އޮންލައިން ނޫސްތަކަށްވެސް ބޮޑު އޮފީހެއް ލިބޭނެ. ކުދި ކުދިން ނޫސްތައް ހިންގާ ފަރާތްތަކަށްވެސް މަސައްކަތް ކުރެވޭނެ. 2-3 ދެމެދުގެ ސްޓޫޑިއޯތައް ހެދޭނެ ވަރުގެ ޖާގަތަކަށް ލިބޭނެ" ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީޑިއާ ވިލެޖް ތަރައްޤީކުރަނީ އެތަނުގައި މީޓިންތަކާއި ނޫސްވެރިންގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށްކަމަށެވެ. އަދި ކެފެޓީރިއާއަށް ޚާއްސަ ސަރަޙައްދަކާއި ކަސްރަތުކުރުމަށް ޖިމެއް ތަރައްޤީކުރަނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީޑީއާތައް ހިންގުމަށް ދައުލަތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކާ ގުޅެގޮތުން ވަޒީރު ވިދާޅުވީ އައު މަޖިލީހާއެކު އަންނަ އަހަރުގެ ބަޖެޓް އެކުލަވާލައިރު މީޑިއާތަކަށް ދޭނެ ފައިސާ ހިމަނާނެކަމަށެވެ. އަދި މީޑިއާތަކަށް ފައިސާ ދިނުމުގެ އުޞޫލް ކަނޑައެޅުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި އުޞޫލްތައް ކަނޑައަޅާނީ ނޫސްވެރިންގެ މަޝްވަރާތަކާއެކުގައިކަމަށްވެސް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.