ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން ފަށައިފި


  • ސަރުކާރުގެ 217 ސްކޫލެއްގައި 83000 އަށްވުރެ ގިނަ ދަރިވަރުން

  • ޕްރައިވެޓް ސްކޫލްތަކުގައި 13000 އަށްވުރެ ގިނަ ދަރިވަރުން

  • ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ

96000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ.

މިފަހަރުގެ ދިރާސީ އައު އަހަރުގައި ސަރުކާރުގެ 217 ސްކޫލެއްގައި 83000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރާނެއެވެ. އަދި 13000 އަށްވުރެ ގިނަ ދަރިވަރުން ޕްރައިވެޓް ސްކޫލްތަކުގައި ތަޢުލީމު ޙާސިލްކުރާނެއެވެ.

މިއަހަރު ސަރުކާރު ސްކޫލްތަކުގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން 17،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަނީ މާލެ ސަރަހައްދުގައެވެ. އަދި ޕްރައިވެޓް ސްކޫލްތަކުގައި 9000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރާނެއެވެ.

މިއަހަރު މާލެ ސަރަހައްދަށް 2250 ކުދިން ވަނީ ގުރޭޑު 1އަށް ވައްދާފައެވެ. އަދި ގުރޭޑު 1 ފިޔަވައި އެހެނިހެން ގުރޭޑުތަކަށް ވަނުމަށް 2081 ދަރިވަރަކު ހުށައެޅިކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް އަތޮޅު ތެރެއިން 1,126 ދަރިވަރުން ބަދަލުވެފައިވާކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރު 12662 މުދައްރިސުން ސްކޫލްތަކުގައި މަސައްކަތްކުރައްވާނެއެވެ. މީގެ ތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 10729އެވެ. އަދި ބިދޭސީ މުދައްރިސުންގެ އަދަދަކީ 1933އެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ސަރުކާރުގެ 217 ސްކޫލްގެ ތެރެއިން 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށެވެ. އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މި ދިރާސީ އަހަރުގެ ތެރޭގައިވެސް މުދައްރިސުން ތަމްރީނުކުރުމުގެ ގިނަ ޕްރޮގުރާމުތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އަންނަ އޮކްޓުބަރު މަހުގެ 6 ވަނަ ދުވަހު ދެވަނަ ޓާމް ފަށާއިރު މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ރިޕޯޓު ފޮތް ދޭނީ އަންނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ.

ކޮވިޑު 19އާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލު ވާނީ 2026 ވަނަ އަހަރުއެވެ.