ޚަބަރު

އައު ޤަވާއިދު އެކުލަވާލެވެންދެން ކުރީގެ ޤަވާއިދަށް ޢަމަލުކުރަން ފާސްކޮށްފި


  • ކުރީގެ ޤަވާއިދަށް އަމަލުކުރަން ހުށައެޅި ޕީޖީ ލީޑަރު ފަލާޙު

  • އެމްޑީޕީ ޕީޖީ ލީޑަރު ވަނީ އެހުށައެޅުމަށް ތާޢީދުކުރައްވާފައި

20 ވަނަ ރައްޔިތުންގެ މަޖިލިސް ހިންގާ ގަވައިދެއް އެކުލަވާލެވެންދެން 19 ވަނަ މަޖިލީހުގެ ގަވައިދަށް ޢަމަލުކުރުމަށް ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މި މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.

މި ޖަލްސާގައި ދާއިމީ ޤަވާއިދެއް އެކުލަވާލެވެންދެން 19 ވަނަ މަޖިލީހުގެ ހިންގާ ގަވާއިދަށް އަމަލުކުރަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. މި ހުށައެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 90 މެންބަރުންގެ ވޯޓުންނެވެ.

ފަލާހު ހުށައެޅުއްވީ އައު މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި 19 ވަނަ މަޖިލީހުގެ ގަވައިދާ އެއްގޮތަށް އައު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އަދި 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު ޢާންމު ކޮމިޓީއާ ހަވާލުކުރުމަށްވެސް ފަލާހު ހުށައެޅުއްވިއެވެ. އެ މަސައްކަތް އަންނަ މަހު 26ގެ ނިޔަލަށް ޢާންމު ކޮމިޓީން ނިންމާ މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށްވެސް ފަލާޙުގެ ހުށައެލުއްވުމުގައިވެއެވެ.

ފަލާޙުގެ ހުށައެޅުމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ތާޢީދު ކުރައްވައިފައެވެ. އެ ހުށައެޅުއްވުމަށް ތާޢީދު ކުރައްވާ ނާޒިލް ވަނީ ގަވައިދު އެކުލަވާލުމުގެ މަސައްކަތްކުރާއިރު، ވީހާވެސް ގިނަ ސިޔާސީ ޕާޓީތައް ތަމްސީލުކުރާގޕތަށް ޢާންމު ކޮމިޓީ އެކުލަވާލުމަށް އެދިވަޑައިގެންފައެވެ.