ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ލަންކާއަށް ވަޑައިގަންނަވަނީ


  • ލަންކާގެ ރައީސާއި ބޮޑު ވަޒީރާ ބައްދަލުކުރައްވާނެ

  • ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދުމަށް މަޝްވަރާކުރާނެ

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އަންނަމަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ މަޤާމާއި ހަވާލުވުމަށްފަހު އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސްރީލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީގެ ދަޢުވަތަކަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ލަންކާއަށް ވަޑައިގަންނަވާނީ އަންނަމަހުގެ 3 އިން 6 އަށްކަމަށެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ދަތުރުފުޅުގައި ސްރީލަންކާގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވާނެ ކަމަށެވެ. އެގޮތުން ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންގްހެއާއި ބޮޑުވަޒީރު ޑިނޭޝް ގުނަވަރދެނާއާ ބައްދަލުކުރައްވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.