ޚަބަރު

ކޮމިޓީތައް އެކުލަވާލި ގޮތާމެދު ހިތްހަމަޖެހޭ: އެމްޑީޕީ ޕީޖީ


  • މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާއިމީ ކޮމިޓީތައް ވަނީ އެކުލަވާލާފައި

  • ކޮމިޓީތައް އެކުލަވާލީ އެމްޑީޕީގެ މެންބަރުން ރުހޭ ގޮތަށް

  • 20 ވަނަ މަޖިލީހުގައި އެމްޑީޕީގެ 12 މެންބަރުން ތިއްބަވާ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލިގޮތާމެދެ ހިތްހަމަޖެހޭކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ވިދާޅުވެޖެއެވެ. އައު މަޖިލީހުގައި ދާއިމީ 18 ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާ އިބްރާހީމް ނާޒިލް ވިދާޅުވީ އެޕާޓިން ކޮންމެ ކޮމިޓީއަކުން ދެ ޖާގަ ބޭނުންވިކަމަށެވެ. ނަމަވެސް އެ ޕާޓީއަށް ޖާގަ ދީފައިވަނީ ޕަސެންޓޭޖް ނިސްބަތުން ބަލާފައި ކޮމިޓީތަކަށް ވާވަރަށް ކަމަށާއި، ދާއިމީ ކޮންމެ ކޮމިޓީއަކުން އެޕާޓީއަށް ޖާގަ ލިބިފައިވާކަމަށެވެ. އަދި ބައެއް ދާއިމީ ކޮމިޓީތަކުން ދެވަނަ ޖާގަވެސް ލިބިފައިވާކަން އޭނާ ފާޙަގަކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ މާލިއްޔަތު ކޮމިޓީއާއި، ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއާއި، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީގެ އިތުރުން ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދެ ޖާގަ އެޕާޓީއަށް ދީފައިވާކަމަށެވެ. އަދި އިޤްތިޞާދީ ކޮމިޓީން 3 ޖާގަ ދީފައިވާކަންވެސް ނާޒިލް ފާހަގަކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ، މަޖިލީހުގައި ހިމެނޭ ދާއިމީ 18 ކޮމިޓީގައި މެންބަރުން ތިއްބަވަން ކަނޑައެޅި ގޮތާމެދު އެޕާޓީން ރުހޭކަމަށެވެ. ކޮމިޓީތައް ކަނޑައެޅިގޮތާމެދު އެޕާޓިގެ ހުރިހާ މެންބަރުންނަށްވެސް އެއްބަސްވެވޭކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުން އެއްބަސްވެގެން ކޮމިޓީތައް ފާސްވެގެން އެ ދިޔައީ. ކޮމިޓީތައް އެކުލެވި ފާސްވެގެން ދިޔައީ އަޅުގަނޑުމެންނަށް އެއްބަސްވެވުނު ގޮތާއެކީގައި." އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ 12 މެންބަރުންނެވެ.