ޚަބަރު

ޔުނެސްކޯއާ ގުޅިގެން ސަގާފަތާއި ތަރިކައިގެ ދާއިރާއިން މީހުން ތަމްރީންކުރަނީ


  • ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މަޝްވަރާކުރެއްވި

  • ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުގައި މީހުން ތަމްރީންކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި

ސަގާފަތާއި ތަރިކައިގެ ދާއިރާގެ ތަޖުރިބާކާރުން ރާއްޖެ ގެނެސް އެ ދާއިރާއިން މީހުން ތަމްރީންކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން، ޔުނެސްކޯއިން ރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޓިމް ކަރޓިސްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ޓިމް ކަރޓިސްއަކީ ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބެވެ.

ދިވެހިބަހާބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އާދަމް ނަޞީރު ވަނީ ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ތަޖުރިބާކާރުން ރާއްޖެ ގެނެސް، ތަމްރީން ޕްރޮގުރާމުތައް ރާއްޖޭގައި ކުރިއަށް ގެންދަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ތަރިކައާއި ސަގާފަތުގެ ދާއިރާތަކުގެ ތަޖުރިބާކާރުން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަން ޓިމް ކަރޓިސް ދެއްވާފައިވާކަމަށް ދިވެހިބަހާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ދިވެހި ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތި ރައްކާތެރިކުރުމާއި ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުގައި މީހުން ތަމްރީންކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ. ހަމައެއާއެކު ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ޔުނެސްކޯގެ ޑިރެކްޓަރ ޓިމް ކަރޓިސްއާ ހިއްސާކުރައްވާފައެވެ.