ޚަބަރު

"ފަލަސްޠީނާއެކު ދިވެހިން" ޓެލެތޯންއަށް ކައުންސިލްތަކުން އެއްބާރުލުން ލިބޭނެ: ވަޒީރު


  • ފަންޑު ފޮށި ބެހެއްޓުމާއި ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ރަށްރަށުގައި ހަމަޖައްސާފައިވޭ

  • ޕީއެސްއެމްއިން ޓެލެތޯން ރާވާފައިވަނީ ދެފުށް ފެންނަ ގޮތަކަށް

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ކުރިއަށްގެންދާ "ފަލަސްޠީނާއެކު ދިވެހިން" ޓެލެތޯންއަށް ރަށްރަށުގެ ކައުންސިލްތަކުންވެސް ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ސިިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ފަލަސްޠީނާއެކު ދިވެހިން" ޓެލެތޯންގެ ކަވަރޭޖަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ޕީއެސްއެމްއިން މިއަދު ކުރިއަށްގެންދާ ޓެލެތޯންއާ ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ ޓެލެތޯންއަށް ރަށު ކައުންސިލްތަކުންވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ފަންޑު ފޮށި ބެހެއްޓުމާއި ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ކައުންސިލްތަކުން ރަށްރަށުގައި ހަމަޖައްސާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި ސަރުކާރުންކުރާ މިފަދަ ކޮންމެ ކަމެއްގައިވެސް ކައުންސިލްތަކުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރަށްރަށުގައި މިކަން އިންތިޒާމްކުރެވިގެންދާކަން ފާހަގަކުރެވޭ. ވަރަށް ފޯރިގައި މަސައްކަތް ކުރިއަށް އެބަ ގެންދަވާ ކައުންސިލްތަކުން. ކައުންސިލްތަކުން ރަށްރަށުގެ ފަރާތުން ބޭނުންވާ ފައިސާ ޖަމާކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދަވާ. ހުރިހާ ރަށެއްގައިވެސް ކަންކަން ރަނގަޅަށް ތަރުތީބުވެގެން ދާނެކަމަށް އަޅުގަނޑު އުންމީދު ކުރަނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕީއެސްއެމްއިން ޓެލެތޯން ރާވާފައިވަނީ ވަރަށް ބޮޑަށް ދެފުށްފެންނަ ގޮތަކަށް ކަމަށެވެ. އަދި މި ޓެލެތޯން މެދުވެރިކޮށް ލިބޭ ފައިސާ ސީދާ ފަލަސްޠީނުގެ މުސްލިމުންނަށް ދެވޭކަން ކަށަވަރުވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ މުސްލިމު އަޚުންނަށް ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ މުސްލިމުން ތަޙައްމަލް ކުރަމުންދާ ވޭނުގައި ދިވެހިން އަބަދުވެސް ބައިވެރިވާ ކަމަށެވެ. އަދި އެމީހުންގެ ޖަޒުބާތުތަކާއި ކެކުޅުމުގެ އަސަރުތައް ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށްވެސް ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމްއިން ކުރިއަށްގެންދާ މި ޓެލެތޯންއަކީ ރައީސުލްޖުމްހޫރިއްޔާގެ އެދުވަޑައިގަތުމަކަށް ކުރިއަށްގެންދާ ޓެލެތޯންއެކެވެ. މި ޓެލެތޯންގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ. ޓެލެތޯން ކުރިއަށްދާނީ މިއަދު 8 އިން ރޭގަނޑު 12 ޖެހުމާ ހަމައަށެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

މީގެކުރިން ޓެލެތޯންތައް ބާއްވާފައިވަނީ އިންތިޒާމުކުރާ ފަރާތްތަކުން ވަކި އަދަދަކަށް ފައިސާ ނަގައިގެން ނަމަވެސް ޕީއެސްއެމުން މިކަމަށް އެއްވެސް ފައިސާއެއް ނުނަގާނެއެވެ.