ޚަބަރު

ޢީދު ފާހަގަކުރަން ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ގިނަ ހަރަކާތްތަކެއް


  • ޢީދު ނަމާދަށްފަހު ޢީދު ސައި ވަނީ ބާއްވާފައި

  • މިއަދު ކުޑަކުދިންގެ ހަވީރެއް އޮންނާނެ

  • ބޮޑުމަސް ބޭނުމާއި މާލި ނެރުންވެސް ހަވީރު އޮންނާނެ

ސްރީަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނުން މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.

މިއަހަރުގެ އަޟްހާ ޢީދު ސްރީލަންކާގައި ފާހަގަކުރުމުގެ ގޮތުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ މަރިޔަމް ޝިޔާނާ ވިދާޅުވީ ޢީދުގެ ހަރަކާތްތައް ފެށީ ޢީދު ޢީދު ނަމާދަށްފަހު ބޭއްވި ހެނދުނު ސައިން ކަމަށެވެ.

ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ސޯސަން ވިލާގައެވެ.

އަދި މިއަދު ހަވީރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޮޑުމަސް ބޭނުމާއި، މާލި ނެރުމާއި، ކުޑަކުދިންގެ ހަވީރެއް އޮންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުޑަކުދިންގެ ހަވީރުގައި އެކި ކަހަލަ ކުޅިވަރުތަކާއި ކުޑަކުދިންގެ ފެޝަން ޝޯއެއް އޮންނާނެ ކަމަށާއި މި ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށްދާނީ އިރުއޮއްސި 6 ޖެހުމާ ހަމައަށް ކަމަށް ޝިޔާނާ ވިދާޅުވިއެވެ.

ޝިޔާނާ ވިދާޅުވީ ޢީދު ނަމާދުކުރުމާއި ސައި ބާއްވާފައިވަނީ ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދޭ ކުލާސްތައް ހިންގާ ސޯސަން ވިލާގައި ކަމަށެވެ. އަދި ހަވީރުގެ ކުޅިވަރުތައްވެސް އޮންނާނީ އެތަނުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ޢީދު ފަދަ އިސްލާމީ ގޮތުން ފާހަގަކުރާ އެކި މުނާސަބާތައް އަބަދުވެސް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން މިއަހަރުގެ ފިޠުރު ޢީދުވެސްވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.