ޚަބަރު

ހއ. އަތޮޅަށް 50 އަށްވުރެގިނަ ދިވެހި ނަރުހުން ހޯދަނީ


  • ޢިއުލާންކުރީ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި 52 ނަރުހުން ހޯދަން

  • ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ މިމަހުގެ 30ގެ ކުރިން

  • އިންޓަވިއު އަދި އިމްތިޙާން އޮންނާނީ އަންނަ މަހު

ހއ. އަތޮޅުގެ ޞިއްޙީ ދާއިރާއަށް 50 އަށްވުރެ ގިނަ ދިވެހި ނަރުހުން ހޯދަން އިޢުލާންކޮށްފިއެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނެއްގައި ވަނީ އެ ހޮސްޕިޓަލަށާއި އަތޮޅުގެ ބައެއް ޞިއްޙީ މަރުކަޒުތަކަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ބޭނުންވާ ކަމަށެވެ. އެގޮތުން ޖުމަލަ 52 ނަރުހުން ބޭނުންވާކަމަށް އެ ހޮސްޕިޓަލުން މާއުލޫމާތުދެއްވިއެވެ.

ނަރުހުން ހޯދަނީ ހއ. އަތޮޅު ހޮސްޕިޓަލާއި އެއަތޮޅުގެ 12 ސިއްޙީ މަރުކަޒަކަށް

ހއ އަތޮޅު ހޮސްޕިޓަލަށް 13 ނަރުހުން
ބާރަށް ޞިއްޙީމަރުކަޒަށް 6 ނަރުހުން
މުރައިދޫ ޞިއްޙީމަރުކަޒަށް 2 ނަރުހުން
ތަކަންދޫ ޞީއްޙީމަރުކަޒަށް 6 ނަރުހުން
ހޯރަފުށީ ޞިއްޙީމަރުކަޒަށް 4 ނަރުހުން
ތުރާކުނު ޞިއްޙީމަރުކަޒަށް ނަރުހެއް
އުލިގަމް ޞިއްހީ މަރުކަޒަށް 2 ނަރުހުން
މޮޅަދޫ ޞިއްހީ މަރުކަޒަށް 2 ނަރުހުން
ކެލާ ޞިއްހީ މަރުކަޒަށް 8 ނަރުހުން
ވަށަފަރު ޞިއްހީ މަރުކަޒަށް 3ނަރުހުން
ފިއްލަދޫ ޞިއްހީ މަރުކަޒަށް 2 ނަރުހުން
މާރަންދޫ ޞިއްހީ މަރުކަޒަށް ނަރުހެއް
އުތީމު ޞިއްހީ މަރުކަޒަށް 2 ނަރުހުން

ހއ. އަތޮޅަށް ނަރުހުން ހޯދަން އިޢުލާންކޮށްފައިވަނީ ރެޖިސްޓަރޑް ނަރުހުންގެ ޕަބްލިކް ސަރވިސް ރޭންކް 5 އަދި 7 އަށެވެ. އެގޮތުން ޕަބްލިކް ސަރވިސް ރޭންކު 5 އަށް ނަގާ ނަރުހުން ވާން ޖެހޭނީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ މީހުންނަށެވެ. ރޭންކް 5 ގެ ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 11428 ރުފިޔާ އާއި 5333 ރުފިޔާގެ އެލަވަންސްގެ އިތުރުން ހާޒިރީ އިނާޔަތްވެސް ލިބިގެންދާނެއެވެ.

އަދި ޕަބްލިކް ސަރވިސް ރޭންކު 7އަށް ނަގާ ނަރުހުން ވާން ޖެހޭނ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެކައުންސިލުގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ މީހަކަށެވެ. ރޭންކް 7ގެ ނަރުހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 13057 ރުފިޔާ އާއި 6094 ރުފިޔާގެ އެލަަވަންސެއްގެ އިތުރުން ހާޒިރީ އިނާޔާތްވެސް ލިބޭނެއެވެ.

ނަރުސްކަމަށް އެދި ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ހުށައަޅަންޖެހޭއިރު އެ ހޮސްޕިޓަލުގެ އީމެއިލް، [email protected] އަށްވެސް ލިޔެކިޔުން ހުށައެޅޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި ނަރުސްކަމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިޙާނު އޮންނާނީ އަންނަ މަހުގެ 3 އިން ފެށިގެން 31 ވަނަ ދުވާހާ ދެމެދު ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހުގައިކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއްވިއެވެ.