ޚަބަރު

ފުލުހެއް ގައިގައި ކާރަކުން ޖެއްސި މައްސަލާގައި ހިމެނޭ ދެވަނަ މީހާވެސް ހައްޔަރުކޮށްފި


  • މާރާމާރީ ހިންގުމަށްފަހު މީހަކު ފިލާފައިވަނީ މިމަހު 15 ގައި

  • މާރާމާރީގައި އަނިޔާ ލިބުނު މީހާ އާއި ކާރުގައި ޖެހުނު ފުލުސް މީހާގެ ޙާލު ރަނގަޅު

ހުޅުމާލޭގައި މާރާމާރީއެއް ހިންގުމަށްފަހު، ފުލުހެއްގައިގައި ކާރަކުން ޖައްސާ ފިލި މީހާ ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައި ފުލުހެއްގެ ގައިގައި ޖެއްސުމަށްފަހު މީހަކު ފިލާފައިވާކަމުގެ ރިޕޯޓު ލިބިގެން އެކަން ފުލުހުން ހާމަކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ފުލުހެއް ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލި މައްސަލާގައި ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލާގައި ހިމެނޭ ދެވަނަ މީހާ މިއަދު ހަވީރު 5:44 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

މީގެ ކުރިން ފުލުހުން ވިދާޅުވެފައިވަނީ މި މާރާމާރީގެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިއުމުން މާރާމާރީ ހިންގި މީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައި ފިލަން މަސައްކަތް ކުރި ކަމަށެވެ. އަދި އެނާ ހުއްޓުވަން ފުލުހަކު މަސައްކަތް ކުރުމުން ފުލުސް މީހާ ގައިގައި ކާރުން ޖައްސުމަށްފަހު ފިލާފައިވާކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއާއި ކާރުން ޖެއްސި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނި ދޫކޮށްލާފައެވެ.