ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އެމެރިކާއަށް


  • އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ

  • އދ ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާނެ

  • އެޤައުމުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެ

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ފުރާ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި އެމެރިކާއާއި އދ ގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މޫސާ ޒަމީރުގެ މި ދަތުރުފުޅު ފެށުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ވޮޝިންގްޓަން ޑީސީންނެވެ. އެގޮތުން ވޮޝިންގްޓަންގައި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާއި، އެމެރިކާގެ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް އެޖެންސީގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން ވޮޝިންގްޓަންގައި ދިރިއުޅޭ ދިވެހިންނާ ވަޒީރު ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެމެރިކާގައި ހުންނަ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ ބައްދަލުވުމެއްގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ނިއުޔޯކަށްވެސް ވަޑައިގަންނަވާނެއެވެ. އަދި އދ ގެ ސެކެޓްރީ ޖެނެރަލްއާއި، އދ ގެ އިކޮނޮމިކް އަދި ސޯޝަލް އެފެއަރޒްގެ އަންޑަރ-ސެކެޓްރީ-ޖެނެރަލާވެސް ވަޒީރު ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފަވެއެވެ.

މީގެ އިތުރުން ނިއު ޔޯކާއި ނިއު ޖަރޒީގައި ދިރިއުޅޭ ދިވެހިންނާ ވަޒީރު ބައްދަލުކުރައްވާނެއެވެ. ހަމައެހެންމެ ނިއު ޔޯކްގައި އުޅޭ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރައިން ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ސެކެޓްރީ ބައިލެޓަރަލް ޑރ. ޙާލާ ހަމީދާއި، ސީނިއަރ އަންޑަރސެކެޓްރީ ޙަސަން ޙުސައިން ޝިހާބްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.