ޚަބަރު

ރާއްޖެއާއި ޔޫއެސްއެއިޑް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފި


  • ޔޫއެސްއެއިޑުން ރާއްޖެއަށް ވެދޭ އެހީއަށް ޝުކުރު އަދާކުރެއްވި

  • ކުރިއަށް އޮތްތަނުގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

އެމެރިކާގެ، ޔުނިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް، ޔޫއެސްއެއިޑާއެކު ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު މަޝްވަރާކުރައްވައިފިއެވެ. މި މިޝްވަރާތައް ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހާރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޔޫއެސްއެއިޑަކީ ދުނިޔޭގެ އެކި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާ ސަރުކާރުން ހިންގާ އެޖެންސީއެކެވެ.

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާވެސް ބައްދަލުކުރައްވާނެއެވެ. އަދި އެމެރިކާގައި ހުންނަ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ ބައްދަލުވުމެއްގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވޮޝިންގްޓަނާއި، ނިއުޔޯކާއި، ނިއުޖަރޒީގައި ދިރިއުޅޭ ދިވެހިންނާވެސް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވާނެއެވެ.