ޚަބަރު

ޑިމޮކްރަސީއާއި އިޤުތިޞާދު ހަރުދަނާކުރުމަށް ރާއްޖެއިން އެމެރިކާއާއެކު މަޝްވަރާކޮށްފި


  • ދިވެހި އަސްކަރިއްޔާ ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި

  • ދިވެހި ކިޔަވާކުދިންނަށް އެމެރިކާގެ ވިސާ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދުނު

  • ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް އެއްބަސްވި

ދިވެހިރާއްޖެއާއި އެމެރިކާއާއެކު ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ޚާރިޖީ ވަޒީރު އެމެރިކާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގައެވެ.

މި މަޝްވަރާތަކުގައި ރާއްޖެއާއި އެމެރިކާއާއެކު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ އަސްކަރީ ނިޒާމު ހަރުދަނާކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމުގެ އިތުރުން އިޤުތިޞާދު ކުރިއެރުވުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށްކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާކުރެއްވިއެވެ.

ހަމައެއާއެކު އަދިވެސް ގުޅުންތައް ބަދަހިކުރެވޭނެ ދާއިރާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގައި ބައިނަލްއަޤުވާމީ އުޞޫލުތަކަށް ތަބާވުމަށާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް ދެ ޤައުމުންވެސް މަސައްކަތްކުރާނެކަމަށް އެއްބަސްވެފައިވެއެވެ.

ހަމައެހެންމެ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ހޯދި ކާމިޔާބީއަށް ސެކެޓްރީ އޮފް ސްޓޭޓް ވަނީ މި ބައްދަލުވުމުގައި މަރުޙަބާ ދަންނަވާފައެވެ. އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ ދެމެހެއްޓެނިވި މަސައްކަތަކުގައި ހޯދާފައިވާ ކާމިޔާބީއަށްވެސް އެންޓަނީ ބްލިންކެން މަރުޙަބާ ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދަވާ ތަޢުލީމީ ފުރުޞަތުތަކުގެ މުހިންމުކަން ވަޒީރު ފާހަގަކޮށްފައިވެއެވެ.

އެގޮތުން އެމެރިކާއަށް ކިޔަވަންދާ ދަރިވަރުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް މޫސާ ޒަމީރު މި ބައްދަލުކުރެއްވުމުގައި އެދިވަޑައިގަތެވެ. އަދި މިކަމުގެ ސަބަބުން ސަގާފީ ގޮތުންނާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދޭތެރޭގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓްއާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުލް ޣަފޫރު މުޙައްމަދާއި، ސެކެޓްރީ އޮފް ބައިލެޓަރަލް ރިލޭޝަންސް ޑރ. ޙާލާ ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޚާރިޖީ ވަޒީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގައި ހުންނަ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ ބައްދަލުވުމެއްގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވޮޝިންގްޓަނާއި، ނިއުޔޯކާއި، ނިއުޖަރޒީގައި ދިރިއުޅޭ ދިވެހިންނާވެސް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވާނެއެވެ.