ޚަބަރު

މި ސަރުކާރު އައިފަހުން އެމްއެމްއޭއިން ފައިސާ ނަގާފައެއް ނުވޭ!


  • މިދިޔަ އަހަރު އެމްއެމްއޭއިން 18.7 ބިލިއަން ރުފިޔާ ސަރުކާރުން ނެގި

  • ނޮވެމްބަރު 17ގެ ފަހުން އެއްވެސް ވަރަކަށް ފައިސާ ނަގާފައެއް ނުވޭ

  • ސަރުކާރުން ޓީ-ބިލަށް އިންވެސްޓުކުރި މިންވަރުވެސް ވަނީ ދަށްވެފައި

ސަރުކާރުން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ފައިސާ ނަގާފައިނުވާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިމަހުގެ 24 ވަނަ ދުވަހު ޕީޕަލްސް ނެޝަނަލް ފްރޮންޓު، ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ފަހުން ދައްކާގޮތަށް ސަރުކާރުން އެމްއެމްއޭއިން ފައިސާ ނަގަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ފައިސާ ޗާޕު ނުކުރާކަމަށް ސަރުކާރުން ވިދާޅުވިޔަސް، ސަރުކާރު ހިންގަމުންދަނީ އެމްއެމްއޭއިން ފައިސާ ނަގައިގެންކަމަށް ޔާމީން ތުހުމަތުކޮށްފައިވެއެވެ. އަދި އެޑްވާންސް ޓު ގަވަމަންޓުގެ ގޮތުގައި 13 މިލިޔަން ފައިސާ ނަގާފައިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުން ފެންނަކަމަށް ޔާމީން ވިދާޅުވެފައިވެއެވެ. އަދި އެމްއެމްއޭއިން ފައިސާ ނެގުމަކީ ފައިސާ ޗާޕުކުރުންކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ނަމަވެސް އެމްއެމްއޭއިން ކޮންމެ މަހަކު ނެރޭ ސްޓޭޓްމަންޓް އޮފް ފައިނެންޝިއަލް ޕޮޒިޝަންގައިވާގޮތުން ސަރުކާރުން އެއްވެސް ވަރަކަށް އެޑްވާންސް ޓު ގަވަމަންޓުގެ ގޮތުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ފައިސާ ނަގާފައިނުވެއެވެ.

އެޑްވާންސް ޓު ގަވަރމެންޓުގެ ގޮތުގައި ދޭ ފައިސާއަކީ މަރުކަޒީ ބޭންކުން ދިވެހި ސަރުކާރަށް ދޫކުރާ ލޯނެކެވެ. މި ފައިސާ ދެނީ ޕަބްލިކް އެކައުންޓް އޯވަރ ޑްރާފްޓުކޮށްގެންނެވެ.

ސްޓޭޓްމަންޓް އޮފް ފައިނެންޝިއަލް ޕޮޒިޝަން ރިޕޯޓުން ހާމަވާ ގޮތުން އެންމެ ފަހުން ސަރުކާރުން އެމްއެމްއޭއިން ފައިސާ ނަގާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެގޮތުން ނޮވެންބަރު މަހު 1.7 ބިލިއަން ރުފިޔާ ސަރުކާރުން އެމްއެމްއޭއިން ނަގާފައިވާކަން ރިޕޯޓުން ދައްކައެވެ. ނަމަވެސް ޑިސެންބަރު މަހުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށް މަރުކަޒީ ބޭންކުން އެއްވެސް ފައިސާއެއް ދިވެހި ސަރުކާރުން ނަގާފައިނުވާކަން ސްޓޭޓްމަންޓް އޮފް ފައިނެންޝިއަލް ޕޮޒިޝަންއިން ހާމަވެއެވެ.

އެމްއެމްއޭއިން ސަރުކާރުން ފައިސާ ނަގާނަމަ އެ ރިޕޯޓުގައި މީގެ ކުރިން ހިމަނާފައި ހުރެއެވެ. އެގޮތުން ނޮވެމްބަރު މަހުގެ ކުރިން ސަރުކާރުން މަރުކަޒީ ބޭންކުން ފައިސާ ނަގާފައި ހުރިކަން ތަފާސް ހިސާބުތަކުން ދެއްކިނަމަވެސް އޭގެ ފަހުން ފައިސާ ނަގާފައި ނެތެވެ. އެހެންކަމުން ފެންނަން އޮތް ހަގީގަތަކީ މިސަރުކާރު އައިފަހުން އެމްއެމްއޭއިން އެއްވެސް ވަރަކަށް އެޑްވާންސް ޓު ގަވަމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގާފައި ނުވާކަމެވެ.


މި ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް 18.7 ބިލިއަން ރުފިޔާ އެމްއެމްއޭއިން ސަރުކާރަށް ދޫކޮށްފައިވެއެވެ. އަދި ނޮވެންބަރު މަހުގެ ނިޔަލަށް އެއްވެސް ފައިސާއެއް ސަރުކާރަށް ދޫކޮށްފައިނުވާތީ ޑިސެންބަރު މަހުން ފެށިގެން އެމްއެމްއޭއިން ނެރޭ ސްޓޭޓްމަންޓް އޮފް ފައިނެންޝިއަލް ޕޮޒިޝަން ރިޕޯޓުތަކުގައި "އެޑްވާންސް ޓު ގަވަރމެންޓް" މި ބައި ހިމަނާފައި ނުވެއެވެ.

މީގެ އިތުރުން މި ރިޕޯޓުގައިވާ ގޮތުން ފާއިތުވި ޑިސެންބަރު މަހުގެ ނިޔަލަށް ޓްރެޝަރީ ބިލަކަށް 14.5 ބިލިއަން ރުފިޔާ އެމްއެމްއޭއިން އިންވެސްޓުކޮށްފައިވެއެވެ. އަދި ޓީ-ބިލަށް އިންވެސްޓުކޮށްފައިވަނީ 59.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޓީ-ބިލަށް އިންވެސްޓުކުރި މިންވަރު 59 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. އަދި ޓްރެޝަރީ ބޮންޑަށް އިންވެސްޓުކުރި މިންވަރު ވަނީ 14.5 އިން 14.4 އަށް ދަށްވެފައެވެ. މިކަމުން ހާމަވަނީ ދަރަނި ފޫބެއްދުމަށް ސަރުކާރުން ޓީ-ބިލާއި ޓްރެޝަރީ ބޮންޑު ވިއްކާ މިންވަރުވެސް ދަށްވެފައިވާކަމެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.