ކުޅިވަރު

ކޮންމެ ބަޔަކު ކުޅެން އެރިޔަސް، ކުޅޭނީ މޮޅުވާން: މާޓިނޭޒް


ޔޫރޯ 2024 ގްރޫޕް އެފް ގައި މިރޭ ޖޯޖިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން ޕޯޗުގަލް ކޯޗު، ރޮބާޓޯ މާޓިނޭޒް ވަނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް ޓީމުން ކޮންމެ ކުޅުންތެރިންތަކެއް ނިކުތަސް އެމީހުން ކުޅޭނީ މޮޅުވާން ކަމަށް ބުނެފައެވެ.

މާޓިނޭޒް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޖޯޖިއާ މެޗަށް ނިކުންނަ ޓީމުގައި ތިބޭނީ މުޅިން ވެސް މުހިއްމު ކުޅުންތެރިން ކަމަށާއި، ގޯލްކީޕަރު ރޮޓޭޓް ކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށާއި، އެހެންވެ ކީޕަރުގެ މަގާމުން ފެންނާނީ އެއްވަނަ ކީޕަރު، ޑިއޯގޯ ކޮސްޓާ ކަމަށާއި، ޔޫރޯ އަކީ ކުޑަ މުބާރާތެއް ކަމުން އެ ޓީމުގެ ސެންޓްރަލް ޑިފެންޑަރުންނާ ކީޕަރާ ދެމެދު އޮންނަންޖެހޭ އަންޑަސްޓޭންޑިންގ އެންމެ ފުރިހަމަ އަށް އޮންނަންވާނެ ކަމަށް ދެކޭ ކަމަށް މާޓިނޭޒް ވަނީ ބުނެފައެވެ.

މާޓިނޭޒް ބުނީ، އޭނާގެ ޓީމުން މިރޭގެ މެޗަށް ބަދަލުތަކާއެކު ނިކުންނައިރު އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެއްވަނަ ގޯލްކީޕަރު، ކޮސްޓާ ފުރަތަމަ އެގާރައިން ފެނިގެންދާނެ ކަމަށެވެ. އަދި އެ ޓީމުން ވެސް ކުޅޭނީ މެޗު ކާމިޔާބުކުރުމަށް ކަމަށާއި، ކުރީ ދެ މެޗެކޭ އެއްގޮތަށް އެ ނޫން ނަތީޖާއަކާ މެދު ހިތްހަމަނުޖެހޭނެ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

މުބާރާތުގެ ކޮންމެ މެޗެއްވެސް މުހިއްމުވާ އުސޫލުން ޖޯޖިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން އެ ގްރޫޕުން ކޮލިފައިވަނީ ކޮން ޓީމުތަކެއްކަން ވެސް ކަށަވަރުވެގެންދާނެތީވެ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގެ މުހިއްމުކަން ވަކި ކުޑައެއް ނުވާނެ ކަމަށް މާޓިނޭޒް ބުންޏެވެ.

ޖޯޖިއާ އިން މިހާތަނަށް މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، ހާއްސަކޮށް ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި އެ ޓީމަށް ލިބުނު ފުރުޞަތު ނިންމާލެވުނު ނަމަ ތިން ޕޮއިންޓް ލިބޭނެ ކަމަށް ވެސް މާޓިނޭޒްގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި އޭގެފަހުން، ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެ ޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

ދެވަނަ ބުރުގައި ވާދަކުރަންޖެހޭ ޓީމަކާ މެދު މިވަގުތަށް ނުވިސްނާނެ ކަމަށާއި، މިހާރު ހުރިހާ ފޯކަސްއެއް އޮތީ ކުރިއަށް އޮތް ޖޯޖިއާ މެޗު ކާމިޔާބުކުރުމަށް ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ. އަދި، ހުރިހާ ގޮތަކަށް ބެލިޔަސް މިވަގުތަށް އެންމެ މުހިއްމީ ގްރޫޕް ސްޓޭޖުގައި ފަހު މެޗު ކަމަށާއި، ދެވަނަ ބުރުގެ މެޗާ މެދު ވިސްނާނީ މެޗު ކުޅުމަށް ހަމަޖެހިފައިވާ ދުވަހުގައި ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

މުބާރާތުގައި ޕޯޗުގަލްއާ ޖޯޖިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.