ޚަބަރު

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިންކުރާ މަސައްކަތްތައް އެމެރިކާއާ ހިއްސާކޮށްފި


  • އެމެރިކާގެ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްއާ ޚާރިޖީ ވަޒީރު ބައްދަލުކުރެއްވި

  • މޫސުމީ ބަދަލުތަކާ ތިމާވެށްޓާ ގުޅޭ ދާއިރާއިން މަޝްވަރާކުރެއްވި

  • ކޮންގްރެސްގެ މެންބަރުންނާ ވަޒީރު ބައްދަލުކުރެއްވި

  • ވަޒީރު މިހާރު ހުންނެވީ ނިއު ޔޯކްގައި، ދަތުރުފުޅު މިއަދު ނިންމަވާލައްވާނެ

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިންކުރާ މަސައްކަތްތައް އެމެރިކާގެ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްއާ ހިއްސާކޮށްފިއެވެ.

މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 27އަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްއާ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގެންގުޅުއްވާ ސިޔާސަތުތައް ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މެންބަރުންނާ ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު އެމެރިކާއަށްކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ކޮންގްރެސްމަން މައިކަލް މެކްކައުލްއާއި، ކޮންގްރެސްވުމަން ޔަންގް ކިމްއާ ބައްދަލުކުރައްވާފައިވެއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅު ފައްޓަވާފައިވަނީ އެމެރިކާގެ ވެރިރަށް، ވޮޝިންގްޓަން ޑީސީންނެވެ. ވޮޝިންގްޓަންގައި އެމަނިކުފާނު ވަނީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އަސްކަރީ ނިޒާމު ހަރުދަނާކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމުގެ އިތުރުން އިޤުތިޞާދު ކުރިއެރުވުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށްކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.

ހަމައެއާއެކު އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާވެސް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ވޮޝިންގްޓަންގައި ދިރިއުޅޭ ދިވެހިންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މިހާރު ނިއުޔޯކަށް ވަޑައިގަންނަވާފައެވެ. ނިއު ޔޯކްގައި އދ.ގެ ސެކެޓްރީ ޖެނެރަލާއި، އދ.ގެ އިކޮނޮމިކް އަދި ސޯޝަލް އެފެއަރޒްގެ އަންޑަރ-ސެކެޓްރީ-ޖެނެރަލާ ވަޒީރު ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން ނިއުޔޯކާއި ނިއުޖަރޒީގައި ދިރިއުޅޭ ދިވެހިންނާ ވަޒީރު ބައްދަލުކުރައްވާނެއެވެ. ހަމައެހެންމެ ނިއު ޔޯކްގައި އުޅޭ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރައިން ވިދާޅުވެއެވެ.