ކުޅިވަރު

ޖޯޖިއާ އަށް މޮޅުވުން ހައްގު: މާޓިނޭޒް


"
މެޗުގެ ކުރީކޮޅު އެމީހުންނަށް ލަނޑެއްޖެހުމުން ޑީޕްކޮށް ޑިފެންސްކޮށް، ބްރޭކްގައި ދިޔައީ އަހަރެމެންނަށް މައްސަލަތައް ކުރިމަތިކުރަމުން،
ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް

ޔޫރޯ 2024 ގެ ގްރޫޕް އެފް ގައި ރޭ ޖޯޖިއާ އަތުން 2-0 އިން ބަލިވި މެޗަށްފަހު ދެއްކި ވާހަކައިގައި ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ވަނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް އަތުން ޖޯޖިއާ އަށް މޮޅުވުން ހައްގު ކަމަށް ބުނެފައެވެ.

ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ، އޭނާގެ ޓީމަށް މެޗުގައި އެންމެ ރަނގަޅަށް ފައިނަލް ޕާސް ނުޖެހުނު ކަމަށާއި، ގޯލް ކުރިމަތީގައި ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުނުކަމަށާއި، ޖޯޖިއާގެ ކީޕަރުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށެވެ. ޕޯޗުގަލް ޓީމުން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުނުވިއިރު ޖޯޖިއާ އިން އެކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށާއި، އެކަމުގެ ސަބަބުން ޖޯޖިއާ އަށް މެޗު ކާމިޔާބުކުރެވޭނެކަން ގަބޫލުކުރެވުނީ ކަމަށް ވެސް މާޓިނޭޒް ބުނެފައިވެއެވެ.

މާޓިނޭޒް ބުނީ، އޭނާގެ ޓީމަށް ލަނޑުޖަހަން އެތައް ފަހަރަކު ނާކާމިޔާބުވީ ނަސީބުވެސް ނެތުމުން ކަމަށާއި، ޕޯޗުގަލް ބަލިވީ ޓެކްޓިކްސް ނުވަތަ ކުޅުންތެރިންނަށް ޕާފޯމް ނުކުރެވިގެން ނޫން ކަމަށާއި، އެއީ ޖޯޖިއާ އިން ވަރުގަދަކޮށް މެޗު ފަށައި އެ ކުޅުނު އިންޓެންސިޓީ ވެސް އެކަމުގައި މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ. ޖޯޖިއާ އިން ކުޅުނީ ތާރީޚު ބަދަލުކޮށްލަން ކަމަށާއި، އެކަމުގައި އެ ޓީމާ ވާދަކޮށްލެވޭ ވަރު އޭނާގެ ޓީމަށް ނުވީ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ސްލޮވީނިއާ އާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން މާޓިނޭޒް ބުނީ، ފަސޭހަ މެޗެއް ނޯންނާނެ ކަމަށާއި، ޖޯޖިއާ އާ ދެކޮޅަށް ފެނިގެންދިޔައީ އެ ފަދަ މިސާލެއް ކަމަށެވެ. އޭނާގެ ޓީމުން މެޗެއް ކާމިޔާބުކުރަނީ ކޮންމެހެން ފަސޭހަވެގެން ނޫން ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

ސްލޮވީނިއާ އާ ދެކޮޅަށް މީގެކުރިން އެކުވެރިކަމުގެ މެޗެއް ކުޅެފައިވިޔަސް، މުބާރާތުގެ މެޗާ ކުރީގެ މެޗު ތަފާތުވާނެ ކަމަށް ވެސް މާޓިނޭޒްގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި އެއީ ކްލަބެއް ފަދައިން ފުޓްބޯޅަ ކުޅޭ ގައުމީ ޓީމެއް ކަމަށާއި، ވަރަށް ޑިފެންސިވް ގޭމެއް ކުޅޭ ކަމަށާއި، އެޓޭކުތަކުގައި ފޯވާޑްލައިންގައި ހިމެނޭ ދެ ކުޅުންތެރިންގެ ބައިވެރިވުން ބޮޑުވުމުން އޭނާގެ ޓީމަށް އެ މެޗު ފަސޭހަނުވާނެ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ.

މާޓިނޭޒް އިތުރަށް ބުނީ، ޖޯޖިއާ އަތުން ބަލިވުމުން ނަފްސާނީ ނަޒަރަކުން ބަލާއިރު ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.