ޚަބަރު

އަންހެނުންގެ ކޮމިޓީ ވަކިން އޮންނައޮތުން އުވާލައި، ކައުންސިލް ދަށަށް ގެންނަންޖެހޭ: އެލްޖީއޭ


  • ގިނަ ޤައުމުތަކުގައި އަންހެނުންގެ ކޮމިޓީ އޮންނަނީ ކައުންސިލްގެ ދަށުގައި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ވަކިން އޮންނަ އޮތުން އުވާލައި، ލޯކަލް ކައުންސިލްތަކުގެ ދަށަށް ގެންނަންޖެހޭކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭއިން ވިދާޅުވެއްޖެއެވެ. އެލްޖީއޭއިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ އެ ރަށެއްގައި އޮންނަ ލޯކަލް ކައުންސިލްގެ ދަށުން އޮންނަ ކޮމިޓީއެއް ކަމަށެވެ. އަދި އެ ކޮމިޓީތަކުގެ ބޭނުމަކީ ރައްޔިތުން ފުޅާ ދާއިރާއެއްގައި ޝާމިލްވާހެން މަޝްވަރާކޮށް، ކައުންސިލަށް ގޮތް ނިންމުމުގައި ލަފާ އެރުވުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކަކީ ރަށުގެ ކަންކަން ހިންގުމުގެ އެންމެ މުހިންމު އަދި އިސް ފަރާތްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ވާން ޖެހޭނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ކައުސިލަށް ލަފާ ދޭން އޮންނަ ތަނަކަށް ކަމަށެވެ.

ޝަރީފް ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރަން ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވިކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ވަކިން އިންތިޚާބު ނުކުރުމަށާއި، ކައުންސިލްގެ ދަށަށް އެ ކޮމިޓީތައް ބަދަލުކޮށް، ކައުންސިލަރުން އިންތިޚާބުކުރާއިރު ވަކި އަދަދަކަށް އަންހެނުންނަށް ގޮނޑި ޚާއްސަކުރަން ނިމިދިޔަ މަޖިލީހަށް ލަފާދެއްވާފައިވާކަމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ. ނަމަވެސް އެ މަޖިލީހުން ޤާނޫނަށް އިސްލާހު ގެނައީ އެލްޖީއޭއިން ހުށައެޅިި ގޮތަށް ނޫންކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ރަށެއްގައި އިންތިޚާބީ ދެ ގޮނޑިއެއް [ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ވަކިން ] އޮވެގެން އެ ރަނގަޅަށް ނުހިގާނެކަން. އިންތިޚާބީ ދެ ގޮނޑިއެއް އޮންނަނަމަ ބޮޑަށް އޮންނާނީ ކޯޅުން. ވަޞީލަތްތަކަށް މިލްކުވެރިކަމަށް ކޯޅުން އޮންނާނެ. އެހެންވީމަ ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވަރަކަށް ބާރު ލިބޭ ދެ ތަނެއް ނޯންނާނެ." އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވިއެވެ.


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް އެއްބާރުލުންދީ، އެ ކޮމިޓީތަކާ އެކުގައި މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖައްސަންވާނެކަމަށް ބުނެފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް
ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ބާރުގެ ދާއިރާގެ ތެރޭގައި މުދާ މިލްކުކުރުމާއި ދަރަންޏަށް ޒިންމާވުމުގެ ބާރުވެސް ޤާނޫނުގެ ދަށުން ވަނީ ލިބިދީފައެވެ.

ހަމައެހެންމެ އަންހެނުންގެ ކޮމިޓީއަށާއި ރަށު ކައުންސިލްތަކަށް ވަކިން ބަޖެޓެއް ޤާނޫނުގެ ދަށުން ކަނޑައަޅައެވެ. ނަމަވެސް ކައުންސިލްގެ ބަޖެޓު ކަނޑައަޅާއިރު އަންހެންނުންގެ ކޮމިޓީގެ ބަޖެޓު، އޭގައި ހިމަނަންވާނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިސްތިއުފާދޭ ޢަދަދު ގިނަވުމާއި ގުޅިގެން، ގިނަ ޢަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހެއެވެ. މިއާއެކު ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދު ބޮޑުވެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް، ޤާނޫނަށް ވަނީ އިޞްލާހު ގެނެސްފައެވެ.