ޚަބަރު

އަދީބާއި ދެކޮޅަށް ހެކިބަސް ދިނުމަށް 6 މީހެއްގެ ނަން ހުށަހަޅައިފި


ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލި އައިއީޑީ ހަރުކުރުމަށް އެ ލޯންޗްކޮޅަށް ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބް އަރާވަޑައިގެންފައިވާކަން ސާބިތުކުރެއްވުމަށް އޭނާއާ ދެކޮޅަށް ދައުލަތުން 6 މީހަކު ހެކިންގެ ގޮތުގައި ހުށައަޅުއްވައިފިއެވެ. މި މައްސަލާގައި އަޙުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ރަސްމީ ޙައިސިއްޔަތު ނަހަމުގޮތުގައި ބޭނުންކުރެއްވުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އަޙުމަދު އަދީބާ ދެކޮޅަށް ހަ މީހަކު ހެކިންގެ ގޮތުގައި ހުށައަޅުއްވާފައިވާއިރު އޭގެތެރެއިން އެކަކުގެ ނަން ހުށައަޅުއްވާފައިވަނީ ސިއްރު ހެއްކެތްގެ ގޮތުގައެވެ. މި 6 މީހުންގެ އިތުރުން ބައެއް ލިޔެކިޔުންތައްވެސް އަދީބުގެ މައްޗަށް ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅުއްވާފައިވެއެވެ.

ދައުލަތުގެ ދަޢުވާއިން ދިފާޢުވެވަޑައިގަތުމަށް އަޙުމަދު އަދީބުގެ ފަރާތުން 13 މީހަކު ދިފާޢީ ހެކިންގެ ގޮތުގައި މިއަދު ހުށައަޅުއްވާފައިވެއެވެ. އޭގެތެރޭގައި ފިނިފެންމާ ލޯންޗްގެ ބައެއް ފަޅުވެރިންނާއި އެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދަޢުވާކުރައްވަމުން ގެންދަވާ އަޙުމަދު އަދީބްގެ ބޮޑީގާރޑް ޙަސަން ރިކާޒްވެސް ހިމެނެއެވެ. މީގެއިތުރުން ނައިބް ރައީސް އަޙުމަދު އަދީބްގެ ކުރީގެ ސެކްރެޓަރީ އާމިނަތު މައުރީންގެ ނަންވެސް ހެކެއްގެ ގޮތުގައި އަދީބްގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވެއެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަޙުމަދު އަދީބުގެ މައްޗަށް ދައުލަތުން ދެ ދަޢުވާއެއް މިހާތަނަށް އުފުއްލަވާފައިވާއިރު އެ ދަޢުވާތަކަށް އޭނާ ވަނީ އިންކާރުކުރައްވާފައެވެ.