ޚަބަރު

ޑެންމާކް ބަލިކޮށް، ޖަރުމަނު ކްއާޓާ ފައިނަލަށް


  • []

ޑެންމާކް ބަލިކޮށް، ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ޖަރުމަނު ޖާގަ ހޯދައިފި އެވެ.

ޖަރުމަނު ކްއާޓާ ފައިނަލްގެ ޖާގަ ހޯދީ ގަދަ 16 ޓީމް ވާދަކުރާ ބުރުގައި 2-0 ން ޑެންމާކް ބަލިކޮށްގެން ނެވެ. މެޗުގައި ޖަރުމަނުން ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. ޖަރުމަނުން މެޗުގައި ލީޑް ނެގީ 53 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ޑެންމާކް ޑިފެންޑަރ ޔޯކިމް އެންޑަރސަން އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ގޯލަށް ފޮނުވާލީ ކައި ހާވާޓްޒް އެވެ. ގޯލްގެ ތިރީ ކަނަށް ބޯޅަ ވަނީ އަރިމަތީ ދަނޑީގައިވެސް ޖެހިފައެވެ. ކީޕަރު ޝުމައިކަލް ރަނގަޅު ފަޅިއަށް ޑައިވް ކުރި ނަމަވެސް ބޯޅަ ގޯލަށް ވަނީ އަތުގައި ނުޖެހިއެވެ. ރެފްރީ ޕެނަލްޓީ ދިނީ އޯޑިއޯ ޓެކްނޮލޮޖީ އާއި ވީއޭއާރުންވެސް ޔަގީން ކުރުމަށްފަހުއެވެ.

ޕެނަލްޓީގެ ކުޑައިރުކޮޅެއް ކުރިން ބޯޅަ އަތުގައި ޖެހުނު ޔޯކިމް އެންޑަރސަން ގޯލެއް ޖެހިއެވެ. އޭރިޔާ ތެރެއަށް ބޮނޑިވެފައި ތިބި ކުޅުންތެރިންގެ ތެރެއިން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުން އުފާފާޅުކުރި ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ޖަރުމަނުގެ ދެވަނަ ލަނޑު ޖެހީ ޖަމާލް މުސިއާލާ އެވެ. 67 ވަނަ މިނިޓްގައި ކީޕަރު ނޯޔާއާ ހަމައިން ފެށި އެޓޭކް ޖަމާލް މުސިއާލާ ގޯލްއޭރިޔާ ކަނާ ދިމާލުން ފޮނުވާލުމުން އަމާޒުވީ ގޯލްގެ ދުރު ކަނަށެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ޖަރުމަނުންނެވެ. ފުރަތަމަ ހާފްގެ ފަހު ވިއްސަކަށް މިނިޓަށް ވީފަހުން ޑެންމާކުން ގޭމްގެ ތެރެއަށް ވަދެ ކުޅެން ފެށިއެވެ. އެކަމަކު ހާފް ނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށް، ބޯވިއްސާރައާއެކު ވިދާ ގުގުރާ ސްޓޭޑިއަމް އަށް ގަނޑުފެން ފައިބަން ފެށުމުން ރެފްރީ މެޗު މެދުކަނޑާލި އެވެ. އަލުން ކުޅުން ފެށި 15 ވަރަކަށް މިނިޓް ފަހުންނެވެ.

މެޗުގެ ދެހާފްގައި ދެޓީމުންވެސް ލަނޑު ޖަހަން އިތުރު ފުރުޞަތުތައް ހޯދިއެވެ. މެޗު ފަށައިގެން 3 ވަނަ މިނިޓްގައި ނެގި ކޯނަރަކުން ފުރަތަމަ ލީޑް ނެގީވެސް ޖަރުމަނުންނެވެ. އެކަމަކު ނިކޯ ޝްއޮލްބެކް ބޮލުން ގޯލަށް ފޮނުވާލައިގެން ލީޑް ނެގި ނަމަވެސް އޭގެ ކުރިން ޖަރުމަނުގެ ކިމިޗް ޑެންމާކް ޑިފެންޑަރަކަށް ހުރަސް އަޅާ، ނިކޯޝްއޮލްބެކަށް ފުރުޞަތު ތަނަވަސްކޮށްދީފައިވާތީ ރެފްރީ އެ ލަނޑު ބަލައި ނުގަނެ ނިންމީ ފައުލް ކަމަށެވެ.

6 ވަނަ މިނިޓްގައި 25 ޔާޑުން ކިމިޗް ފޮނުވާލި ބާރު ބޯޅަ ކީޕަރު ޝުމައިކަލް އަތުން ޖައްސާ ހުރަސް ދަނޑި މަތިން ބޭރުކޮށްލި އެވެ. ޖެހިގެން އައި މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅައެއް ޖަރުމަނު ކުޅުންތެރިން ބޮލުން ފޮނުވާލުމުންވެސް ކީޕަރު ވަނީ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޑިފެންޑަރު ރުޑިގާ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ކައި ހާވާޓްޒް އެއްފަހަރުން ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލި އެވެ. މިހާފްގައި އޭރިޔާ ބޭރުން މުސިއާލާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

ފުރަތަމަ ހާފްގައި ޑެންމާކަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތަކީ ޔޯކިމް މެއިލް އަށް ލިބުނު ފުރުޞަތެވެ. އޭރިޔާ ބޭރުން އެރިކްސަން ޖައްސާލި ބޯޅަ ގޯލް އޭރިޔާ ކަނާ ދިމާލުގައި ހުރެ ފޮނުވާލެވުނީ ބޭރަށެވެ.

މޫސުން ގޯސްވެ މެޗު މެދުކަނޑާލުމަށްފަހު އަލުން ފެށިތާ ދެވަނަ މިނިޓްގައި ކައި ހާވާޓްޒް ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ. ހަމަ އެމިނިޓްގައި ޑިފެންޑަރު ނިކޯ ޝްއޮލްބެކް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

ފުރަތަމަ ހާފް ނިމެން ދަނިކޮށް ޑެންމާކަށް ދެ ފުރުޞަތެއް ލިބުނެވެ. ހޮއިލުންޑް ގޯލް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. ކައުންޓަރ އެޓޭކެއްގައި ތަނަވަސް ކުރި ފުރުޞަތެއްގައި އޭރިޔާ ތެރެއިން މުޅިން ހުހަށް ހުރެ ހޮއިލުންޑް ފޮނުވާލި ބޯޅަ ކީޕަރު ނޯޔާ ދިފާއު ކުރިއެވެ. ތޯމަސް ޑެލޭނީ އޭރިޔާ މެދުގައި ހުރި ހޮއިލުންޑަށް ބޯޅަ ދިންއިރު ކީޕަރު ފިޔަވާ އެހެން ކުޅުންތެރިއަކު ނުވެސް ނެތެވެ.

ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނިޓްގައި ޑެންމާކްގެ ޑިފެންޑަރ ޖޯކިމް އެންޑަރސަން ކުޅުންތެރިންގެ ތެރެއިން ލިބުނު ފުރުޞަތެއްގައި ގޯލްގެ ދުރުކަނަށް ފޮނުވާލައިގެން ލަނޑެއް ޖަހާ އުފާފާޅުކުރި އެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

މެޗުގައި ދެވަނަ ލަނޑެއް ޖަހަން ކައި ހާވާޓްޒް އަށް ރަނުގެ ފުރުޞަތެއް ދެވަނަ ހާފްގައި ލިބުނެވެ. އެކަމަކު ބޯޅައާއެކު އެކަނި އޭރިޔާ ތެރެއަށް ވަދެ ފޮނުވާލީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން ހާވާޓްޒް ހުސްކޮށްލާފަ އޭރިޔާ ތެރެއިން ސާނޭ އަށް ދިން ބޯޅަ ޖައްސާލުމުން, ސާނޭ އަށް ފޮނުވާލެވުނީ ބޭރަށެވެ.

65 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ޑެންމާކްގެ ހޮއިލުންޑް ފޮނުވާލި ބޯޅަ ކީޕަރު ނޯޔާ ދިފާއުކުރި އެވެ. އޭގެ ފަހުން ޖަރުމަނުގެ ފުލްކްރަގް ހުހަށް ހުރެ ފޮނުވާލި ބޯޅަވެސް ކީޕަރު ޝުމައިކަލް ދިފާއު ކުރިއެވެ. މެޗުގެ އިތުރު ވަގުތުގައި ނަތީޖާ 3-0 އަށް ބަދަލުވި ކަމަށްވެސް ބެލެވުނެވެ. އެކަމަކު ފްލޯރިއަން ވާޓްޒް ޖެހި ގޯލްވެސް ވީއޭއާރުން ބެލުމަށްފަހު ބަލައި ނުގަތެވެ. މެޗުގެ އިތުރު ވަގުތުގައި ކައި ހާވާޓްޒް އަށް ލިބުނު ރަނުގެ ފުރުޞަތުގެ ހުރަހަކަށްވެސް ވީ ޑެންމާކް ކީޕަރެވެ.
ކްއާޓާ ފައިނަލްގައި ޖަރުމަނު ވާދަކުރަން ޖެހޭނީ ސްޕެއިންއާ ޖޯޖިޔާ ވާދަކޮށް މޮޅުވާ ޓީމަކާއެވެ.