ޚަބަރު

ކައުންސިލްތަކަށް 32 ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސަރވިސްއިން ހުޅުވާލައިފި


  • އެސްޖީން ހޯދަނީ 30 ރަށު ކައުންސިލަކާއި 2 އަތޮޅު ކައުންސިލަކަށް

  • ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 14

  • މިއީ ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފު

ގިނަ އަދަދެއްގެ ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަން، ސީ.އެސް.ސީއިން އިޢުލާންކޮށްފިއެވެ.

އެސްޖީން ހޯދުމަށް މިފަހަރު ހުޅުވާލި ރަށު ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ 30 ރަށެކެވެ. އަދި 2 އަތޮޅު ކައުންސިލަކަށްވެސް އެސްޖީން ހޯދުމަށް ވަނީ ހުޅުވާލާފައެވެ.

މި މަޤާމްތަކުގެ ތެރެއިން ރަށު ކައުންސިލަށް ހޯދަން އިޢުލާންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލުންގެ ފުރަތަމަ ރޭންކްގެ އަސާސީ މުސާރައަކީ 9،300 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 8،835 ރުފިޔާއެވެ. މިއީ ހުސް 5 އަހަރު ދުވަހުގެ މުއްދަކަށް އައްޔަނުކުރާ މަޤާމެކެވެ.

އެސްޖީން ހޯދުމަށް އިޢުލާންކޮށްފައިވާ ރަށްތައް:

• ހއ. އަތޮޅު: ވަށަފަރު، މުރައިދޫ
• ށ. އަތޮޅު: ފޭދޫ، މަރޮށި، ފީވަށް
• ރ. އަތޮޅު: ވާދޫ، މަޑުއްވަރީ، ރަސްމާދޫ، އަދ އިންނަމާދޫ
• ބ. އަތޮޅު: ފުޅަދޫ، ފެހެންދޫ، އަދި ހިތާދޫ
• ކ. ތުލުސްދޫ
• އއ. އަތޮޅު: ތޮއްޑޫ، މާޅޮސް
• އދ. އަތޮޅު: ދިއްދޫ، އަދި ހަންޏާމީދޫ
• ވ. އަތޮޅު: ތިނަދޫ، ފެލިދޫ، އަދި ރަކީދޫ
• މ. މަޑުއްވަރީ
• ފ. ދަރަނބޫދޫ
• ދ. އަތޮޅު: ރިނބުދޫ، ކުޑަހުވަދޫ، އަދި މާއެނބޫދޫ
• ތ. އަތޮޅު: ގާދިއްފުށީ، ތިމަރަފުށި
• ލ. އަތޮޅު: ދަނބިދޫ
• ގއ. އަތޮޅު: ކޮލަމާފުށި، ދެއްވަދޫ


މި 30 ރަށުގެ އިތުރުން ސީއެސްސީ އިން ވަނީ ދެ އަތޮޅު ކައުންސިލަކަށްވެސް އެސްޖީން ހޯދުމަށް އިޢުލާންކޮށްފައެވެ. އެއީ ހއ. ދިއްދުގައި ހުންނަ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއި ވ. ފެލިދުގައި ހުންނަ ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއެވެ. އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރައަކީ 12،130 ރުފިޔާއެވެ.

ސީއެސްސީން ވިދާޅުވީ، މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖުލައި 14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ކަމަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލް ކުރަންޖެހޭނެއެވެ.


ސެކްރެޓަރީ ޖެނެރަލުންގެ މައިގަނޑު މަސްޢޫލިއްޔަތުގެ ތެރޭގައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލްގެ ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ.

ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓްކުރުމާއި ޖަވާބުދާރީވުމާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުޞޫލުތައް ތަންފީޛުކުރުމަކީވެސް ސެކްރެޓަރީ ޖެނެރަލުންގެ މަސްޢޫލިއްޔަތެވެ.

ހަމައެހެންމެ ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް އެސްޖީންގެ މަސްޢޫލިއްޔަތެވެ.