ޚަބަރު

ތާރީޚީ މޮޅަކާއެކު، އިނގިރޭސީންނާ ދެކޮޅަށް ސެމީގައި ނެދަލެންޑްސް


ފަހަރުން އަރަ ތުރުކިޔޭ ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ފަހު ޖާގަ ނެދަލެންޑްސް ހޯދައިފި އެވެ.

ނެދަލެންޑްސް ސެމީން ޖާގަ ހޯދީ ކްއާޓާ ފައިނަލްގައި ތުރުކިޔޭ އިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން މޮޅުވެއެވެ. ނެދަލެންޑްސް މެޗު ކާމިޔާބުކުރީ 2-1 ނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ތުރުކިޔޭ އިން ކުރި ހޯދީ 35 ވަނަ މިނިޓްގައި ޑިފެންޑަަ ސަމެތް އަކައިދިން ޖެހި ލަނޑުންނެވެ. ގުލާ ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ސަމެތް އަކައިދިން ގޯލަށް ފޮނުވާލީ ބޮލުންނެވެ. ނެދަލެންޑްސް އިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފްގައެވެ. 70 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ނެދަލެންޑްސް ޑިފެންޑަރ ސްޓެފަން ޑި ވްރިޖް އެވެ. އޭނާ ލަނޑު ޖެހީ ޑިޕާއީ ހުރަސްކުރި ބޯޅަ ބޮލުން ފޮނުވާލައިގެން ނެވެ. އެފުރުޞަތު ތަނަވަސްވީ އޭގެ މިނިޓެއް ކުރިން ޑިޕާއީ ގޯލްއޭރިޔާ ތެރެއަށް ނަގައިދިން ހުރަސް ވެގޯސްޓް ފޮނުވާލުމުން ކީޕަރު ކޯނަރަކަށް ބޭރުކޮށްލުމުން ނެގި ކޯނަރުގެ ތެރެއިންނެވެ.

ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިނިޓްގެ ތެރޭގައި ނެދަލެންޑްސް އިން މެޗުގައި ލީޑް ނެގިއެވެ. ލީޑް ނަގައިދިނީ 76 ވަނަ މިނިޓްގައި ގަކްޕޯ އެވެ. ޑެމްފްރައިސް ނަގައިދިން ހުރަސް ގަކްޕޯ ގޯލްގެ ދުރު ކަނަށް ފޮނުވާލީ ގޯލް އޭރިޔާ ރޮނގުމަތިން ނެވެ. މިއީ އޭނާ މުބާރާތުގައި ޖެހި 4 ވަނަ ލަނޑެވެ.

މެޗުގައި ލަނޑު ޖަހަން ފުރަތަމަ ފުރުޞަތެއް ލިބުނީ ވެސް ގަކްޕޯ އަށެވެ. 6 ވަނަ މިނިޓްގައި އޭރިޔާ ތެރޭން އޭނާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. އޭގެފަހުން ޒަވީ ސިމޯން ފޮނުވާލި ބޯޅަވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފް ފަށައިގެން ފަސްވަނަ ވެގޯސްޓް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ޑިޕާއީ އަށް ފޮނުވާނުލެވުނެވެ.

55 ވަނަ މިނިޓްގައި ތުރުކިޔޭ އިން ރަނގަޅު ބޯޅައެއް ފޮނުވާލިއެވެ. އެކަމަކު 26 މީޓަރު ދުރުން ގުލާ ފޮނުވާލި ހިލޭޖެހުން ކީޕަރު އަތުން ޖައްސާ ގޯލްގެ އަރިމަތި ދަނޑި ކައިރިން ބޭރުކޮށްލި އެވެ. އޭރިޔާ ބޭރުން ތުރުކިޔޭގެ ކެނާން ޔިލްޑިޒް ފޮނުވާލި ބާރު ބޯޅަ ވެސް ކީޕަރު ވަނީ އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލާފަ އެވެ. މެޗުގެ ފަހު ފަސް މިނިޓްގެ ތެރޭގައާއި އިތުރު ވަގުތުގައިވެސް ނަތީޖާ ހަމަހަމަ ކުރަން ތުރުކިޔޭ އަށް ފުރުޞަތު ލިބުނެވެ. 84 ވަނަ މިނިޓްގައި ދެ ފަހަރެއްގެ މަތީން ލިބުނު ފުރުޞަތުވެސް ބޭނުން ނުކުރެވުނެވެ. މެޗުގެ އިތުރު ވަގުތުގައި ގޯލް އޭރިޔާ ތެރޭން ތުރުކީ ކުޅުންތެރިން ފޮނުވާލި ބޯޅަ ވެސް ކީޕަރު ކޯނަރަކަށް ބޭރުކޮށްލި އެވެ

ސެމީފައިނަލްގައި ނެދަލެންޑްސް ވާދަކުރަންޖެހޭނީ އިންގްލެންޑާ އެވެ. ނެދަލެންޑްސް މުބާރާތުގެ ސެމީފައިނަލުން ޖާގަ މިހޯދީ 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށެެވެ.