ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރިމިއާ ލީގުގައި މާލޭ ވެޓަރަންސް އާއި މިލާން ކްރިކެޓު އެކަޑަމީ ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.
ކޮންމެ ހަފްތާ ބަންދެއްގައި މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، އިއްޔެ ކުޅުނު ފުރަތަމަ މެޗް އޮފުއެފްސީ އާއި ބައްދަލުކޮށް މާލޭ ވެޓަރަންސް މެޗު ކާމިޔާބުކުރީ 56 ލަނޑުންނެވެ.
ފުރަތަމަ މެޗުގެ ގުރު ދިމާވުމުން މާލޭ ވެޓަރަންސް ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 182 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 61 ލަނޑު ހެދި އާސާ ޔާފާ އާއި 75 ލަނޑު ހެދި މުޙައްމަދު އަސްކަރު އެވެ. ޒާހިދު މެހެބޫބް ތިން ވިކެޓު ނެގިއިރު ގާރީ މުޙައްމަދު ދެ ވިކެޓު ނެގިއެވެ.
ޖަވާބުގައި އޮފުއެފްސީ ކުޅެންއަރާ 19 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 126 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި މުޙައްމަދު އޮލިއުއްލާ އާއި 27 ލަނޑު ހެދި ގޮޑްވިން އެންތަނީއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ވެޓްރަންސްގެ މުޙައްމަދު އަސްކަރު އެވެ.
ދެވަނަ މެޗުގެ ގުރުދިމާވުމުން މިލާން ގަސްދުކުރީ ހޮވުމަށެވެ. އެހެންކަމުން ސީބީއެލް ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 187 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 60 ލަނޑު ހެދި ތާރަކަ އާއި 32 ލަނޑު ހެދި މަލިތު އެވެ. ޖަވާބުގައި މިލާން ކުޅެންއަރާ 20 ވަނަ އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 189 ލަނޑު ހަދާ މެޗުން މޮޅުވެފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 44 ލަނޑު ހެދި އާދަމް ނާސިފް އާއި 42 ލަނޑު ހެދި އަޙްމަދު ހަސަނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ އާދަމް ނާސިފެވެ.