ޚަބަރު

ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުވުމަށް އޮންނަ މުއްދަތު ކުރުކުރިއަސް، ކޮލިޓީ ހިފެހެއްޓޭނެ: މެންބަރު ރިފާޢު


  • މިހާރު ޤާނޫނު ބުނަނީ ޔުނިވާސިޓީއަކަށް ބަދަލުވާނީ 20 އަހަރުންކަމަށް

  • މަތީ ތަޢުލީމުގެ ފެންވަރަށް ރިޔާއަތްކުރި

މަތީ ތަޢުލީމް ފޯރުކޮށްދޭ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުވުމަށް އޮންނަ މުއްދަތު ކުރުކުރަން ހުށައެޅީ ގިނަ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ފެންވަރު ހުރުމުންކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވެއްޖެއެވެ. މެންބަރު ރިފާޢު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ބާބު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް މެންބަރު ޢަބްދުﷲ ރިފާޢު ހުށައެޅުއްވި ބިލުގައިވަނީ ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވުމުންކަމަށެވެ. މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައި ބަޔާންކުރަނީ ކޮލެޖެއް ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ތަންތަންކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ބާބު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވީ، މިހާރު ހިންގަމުންދާ އަމިއްލަ ކޮލެޖުތަކަށް ޔުނިވާސިޓީއަކަށް ބަދަލުވުމަށް އޮންނަ މުއްދަތު ކުރުކުރިނަމަވެސް ދެވޭ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށް އެ ބިލުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާނެކަމަށެވެ.

މެންބަރު ރިފާޢު ވިދަޅުވީ، މި މުއްދަތު ކުރުކުރަން ބަލާއިރު ރާއްޖޭގައި މިހާރު ހިންގާ ގިނަ ކޮލެޖުތަކަކީ ޔުނިވާސިޓީތަކާއި އެއްފެންވަރަކަށް މަތީ ތަޢުލީމު ދެވޭ ތަންތަން ކަމަށެވެ. އެގޮތުން ބޭރު ޤައުމުތަކަށް ބެލިއަސް އަމިއްލަ ޔުނިވާސިޓީތައް ރަނގަޅު ފެންވަރެއްގެ ތަޢުލީމު ދެމުން އަންނަކަމަށްވެސް ރިފާޢު ވިދާޅުވިއެވެ.

"މިދިޔަ ދައުރުގައިވެސް މިކަހަލަ އިސްލާހެ ހުށަހެޅުނު. ހަމަ ކޮމެޓީ ލެވެލްގައިވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު. އެ ކޮމެޓީގެ ބޭބޭފުޅުންނާއި ވާހަކަ ދައްކާލިއިރުވެސް މާލޭގެ ކޮލެޖުތައް ބަލާލަން ދިޔަ ފެސިލިޓީތަކާއި އެއްޗެހި. އެފެންވަރު ގިނަ ތަންތަނުގައި ހުރި. ޔުނިވާސިޓީއެއްގެ ފެންވަރުގައި ކުދިންނަށް ތައުލީމު ދެވޭ ކެޕޭސިޓީގެ ތަންތަން އެބަހުރި " މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވިއެވެ.

ރިފާޢު ވިދާޅުވީ، އިޞްލާހު ހުށައެޅުއްވުމުގެ ކުރިން ރާއްޖޭގައި މިހާރު ހިންގަމުންދާ ގިނަ ކޮލެޖުތަކުގެ ފެންވަރާއި، އުމުރު ބެއްލެވިކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ރާއްޖޭގެ ގިނަ ކޮލެޖުތަކަށް 15 އަހަރު ފުރޭކަން މެންބަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދެވޭ ތަޢުލީމުގެ ފެންވަރަށް ވަރަށް ބޮޑަށް ބެއްލެވިކަން މެންބަރު ތަކުރާރުކުރެއްވިއެވެ. އެގޮތުން މިހާރުވެސް ކޮލެޖުތަކުގެ ޕްރޮގްރާމުތައް ކޮލިޓީ ހިފެހެއްޓުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ، މި ބިލާއެކު ޔުނިވާސިޓީއަކަށް ބަދަލުވުމަށް އޮތް ޝަރުތުތައް ޤަވާއިދެއްގެ ތެރެއިން އައުމުގެ ބަދަލުގައި ޤާނޫނުގެ ތެރެއިން ބޮޑަށް ސާފުވެގެން ދާނެ ކަމަށެވެ. އެގޮތުން މި ޝަރުތުތައް ކަނޑައެޅިފައިވަނީ ސަރުކާރުގެ ދެ ޔުނިވާސިޓީއަށް ބަލައި ކަނޑައެޅިފައިވާ ޝަރުތުތަކެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.

"މުއްދަތު ކުރުކޮށްފަ ދެން މިވިސްނީ ކޮލިޓީ އޮފް އެޑިއުކޭޝަން އަންނަން ޖެހޭނެއޭ. ކުރިއަށް އޮތް އަހަރެއް ދެ އަހަރެއް ތެރޭ ދެން އޮންނާނީ މިހާރު ހުރި ޝަރުތުތައް ފުރިހަމަވުން " މެންބަރު ރިފާޢު ވިދާޅުވިއެވެ.

ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ބައެއް ޝަރުތުތަކުގެ ތެރޭގައި ޑިގްރީ ފެންވަރަށް ކިޔަވާ މަދުވެގެން 1000 ދަރިވަރުން ތިބުން ހިމެނެއެވެ. އަދި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން މަދުވެގެން 10 އިންސައްތަ މުވައްޒަފުން ޕީއެޗްޑީ ހާސިލްކޮށްފައިވުން ހިމެނެއެވެ.