2050 ވަނަ އަހަރަށްދާއިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސް.ޓީ.އޯއަކީ ކާބަން ނިއުޓްރަލް ކުންފުންޏަކަށް ހެދުމަކީ އަމާޒެއްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި އަމާޒަށް ވާސިލްވުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެސް.ޓީ.އޯގެ ވިޔަފާރިތަކާއި އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވަނީ ތިމާވެށްޓާއި ރައްޓެހި ދެމެހެއްޓެނެވިގޮތަކަށްކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި އެސް.ޓީ.އޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތައް ހާސިލް ކުރެވޭނެ ކަމަށާއި، އެކަން ކުރާނީ ކޯޕަރޭޓް ގަވަރނަންސްގެ ރީތި އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ.
އެސް.ޓީ.އޯގެ އޮޕަރޭޝަންތަކުން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް 2030 ވަނަ އަހަރާ ހަމައަށް އަންނައިރު މިހާރު އޮތް މިންވަރުން %25 ކުޑަކުރާނެ ކަމަށާއި، އަދި 2050 ވަނަ އަހަރަށްދާއިރު އެސް.ޓީ.އޯއިން ހިންގާ މުއާމަލާތްތަކަކީ ކާބަން ނިއުޓްރަލްގެ މުއާމަލާތްތަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ޝިމާދު ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވީ، މި އަމާޒަށް ހާސިލްވުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކުންފުނިން އޮޕަރޭޓް ކުރާ އުޅަނދުތަކަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ޤަވާއިދުތަކަށް ފެތޭ އުޅަނދުތަކަށް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ބައެއް މުދާތައް ކަމަށްވާ އޭސީ، ރެފްރިޖިރޭޓަރ ފަދަ ތަކެއްޗަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ހަކަތަރި ސްޓޭންޑަޑްގެ މުދާތަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ވެސް ވަރަށް ބޮޑުބައެއް އެ ހަކަތަރި ސްޓޭންޑަޑަށް ފެތިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް "ހަކަތަރި" އެސްޓީއޯއިން ވިއްކާ އެއަރ ކޮންޑިޝަންތަކުގައި ޖަހަން ފެށީ 2022 ވަނަ އަހަރުގައެވެ.
ހަކަތަރި ޕްރޮގްރާމްއަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ޔަޤީންކުރުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ފަށާފައިވާ މަސައްކަތެކެވެ.
ހަކަތަރި ޕްރޮގްރާމު އެކުލަވާލާފައިވަނީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާއެކު އ.ދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) އާ ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގަމުން އަންނަ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުގެ ދަށުންނެވެ.
މި މަޝްރޫއުގެ މައިގަނޑު މަޤުސަދަކީ، އިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދުކުރުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.