އިންޑިއާގެ ޖައިޕޫރުގައި ބޭއްވި އައިއެޗްއެފް ޓްރޮފީގައި ވާދަކުރި ރާއްޖޭގެ ދެ ހޭންޑްބޯޅަ ޓީމު އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިންޑިއާގެ ޖައިޕޫރުގައި ބޭއްވި އައިއެޗްއެފް ޓްރޮފީ 2024 ގެ 20 އަހަރުންދަށުން ތިންވަނަ މަގާމާއެކު ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ޓީމަށް ވަނީ ތާރީޚީ ލޯ މެޑަލް ލިބިފައެވެ. މި ކާމިޔާބީއާއެކު އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އާއި ވުޒާރާގެ އިސްވެރިންނެވެ. މީގެ އިތުރުން އެ ކުދިންގެ ބެލެނިވެރިންނާއި ހޭންޑްބޯލް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ ރާއްޖޭގެ ހޭންޑްބޯޅަ ތާރީހުގައި ޒުވާން ޓީމެއް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. ރާއްޖެއިން ލޯ މެޑަލް ހޯދީ މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ނޭޕާލާއި ވާދަކށް 23-33 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ލީގު ބުރުގައި ވެސް ރާއްޖެއާއި ނޭޕާލް ވާދަކުރިއެވެ. އެފަހަރު ވާދަވެރި ކުޅުމަކަށްފަހު ރާއްޖެއިން މެޗު ކާމިޔާބުކުރީ 31-29 އިންނެވެ. ތިންވަނަ ހޮވާ މެޗުން ބަލިވުމާއެކު މުބާރާތުގެ ހަތަރުވަނަ ލިބުނީ ނޭޕާލަށެވެ.
ރާއްޖެ ވަނީ ފުރަތަމަ މެޗުގައި ނޭޕާލް ބަލިކުރި ނަމަވެސް ދެވަނަ މެޗުގައި އިންޑިއާ އަތުން 28-51 ނަތީޖާއަކުން ބަލިވެފައެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 30-38 އިން ބަންގްލަދޭޝް އަތުން ބަލިވެފައެވެ.
ސަރަހައްދީ އަށް ގައުމު ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމު ވަނީ ވާދަކޮށްފައެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށް ރޭވިފައިވާ މި މުބާރާތަކީ މިހާތަނަށް ޒުވާން ހޭންޑްބޯޅަ މުބާރާތަކުން ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.